ދާއޫދު އިހުސާނަށް ގުޅައި މެސެޖުކުރި، ތަހުގީގަށް ދީފައި ވަނީ ދޮގު ބަޔާނެއް: ކޮމިޝަން

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީ ދާއޫދު އަހްމަދު ޒިލާލް ގުޅައި މެސެޖުކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގަށް ދިން ބަޔާނުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާ ކަމަށް އެ މައްސަލަ ބަލަން އުފެއްދި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
ދާއޫދަކީ ފެންޓެނޯއީއިން ޔުމްނު ވެއްޓުނު ރޭ އޭނާ އާއެކުގައި އެންމެފަހުން އުޅުނު ރައުދު އަހްމަދު ޒިލާލުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. ޔުމްނު ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި، ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އަމާޒުކުރި ތުހުމަތުތަކާ އެކު ރައީސް އޮފީހުގައި އޭނާ ހުރި މަގާމުން ސަސްޕެންޑް ކޮށްފައި ވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެޕްރީލު މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް އެޕްރީލު މަހުގެ 27 ވަނަ ދުވަހު އުފައްދަވާފަ އެވެ. އެ ކޮމިޝަނުން އެކުލަވާލި އިންކުއަރީ ރިޕޯޓު މިއަދު ވަނީ އާންމުކޮށްފަ އެވެ.
ކޮމިޝަނަށް ދާއޫދު ދިން ބަޔާނުގައި ބުނީ ރައުދު އާ ދިމާވީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު 5:30 އާއި 6:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ރައުދު ގެއަށް ގެނައި މީހަކު ނޭނގޭ ކަމަށާއި އެ މީހަކު އޭނާ ގެއަށް ބާލާފައި ދިޔައީ ކަމަށެވެ.
ރައުދު ފެނުނުއިރު އޭނާ ހުރީ "ޑިސްއޮރިއެންޓަޑް" ކޮށް ކަަމަށާއި އެ ވަގުތު އޭނާ ދައްކާ ވާހަކަ ހަނދާން ނެތޭ ކަމަށާއި ހުރީ މަސްތުގެ ހާލަތުގައިކަން ފާހަގަކުރެވުނު ކަމަށް ދާއޫދު ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
"... މއ. މާންދޫގޭދެކުނުގޭގައި އެއްވުމެއް އޮތްކަން އެނގޭތީ، އެ ތަނުގައި ތިބި މީހުންނަށް ފޯނުން ގުޅޭތޯ ބަލާފައިވާނެ ކަމަށާއި، މިކަމާ ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހްމަދު ބުނެފައިވެ އެވެ." ރިޕޯޓުގައިވެ އެވެ.
ދާއޫދު އިހްސާނަށް ގުޅައި މެސެޖުކުރި
ދާއޫދު އެހެން ބުނެފައި ވިނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވަނީ އެޕްރީލު މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު ދާއޫދު ގުޅުމުން 1 މިނިޓުގެ ކޯލެއް ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ދާއޫދަކީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
"... ދާއޫދު އަހްމަދު ގުޅުމުން 1 މިނިޓުގެ ކޯލެއް ނަގާފައިވާނެ ކަމަށާއި، އެ ފޯނަށް ޖަވާބުދީ އައިޑީ ކާޑު ނަމްބަރު ފޮނުވައި ފޮނުވައި ދިނުމަށް ވިދާޅުވެފައިވާނެ ކަމަށާއި އާންމު އުސޫލުން ވެސް ކޮންމެ މީހަކު ގުޅި ނަމަވެސް އައިޑީ ކާޑު ނަމްބަރު ފޮނުވައިިދިނުމަށް އެދޭ ކަމަށާއި، އެ ކޯލުގައި ހަނދާންވާ ގޮތުން ދާއޫދު އަހްމަދު ބުނެފައި ވަނީ ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި މިހެން ކަމަށާއި، މައްސަލައިގެ ވަކި ތަފުސީލެއް ނުދީ ދާއޫދު އަހްމަދު އެހެން ބުނުމުން ބަލައިލާނެ ކަމަށް ވިދާޅުވެފައިވާނެ،" އިހްސާން ދެއްވި ބަޔާނުގައި ވިދާޅުވި ކަަމަށް ރިޕޯޓުގައިވެ އެވެ.
އެ މުއާމަލާތަށް ފަހު ވެސް ދާއޫދު ގުޅި ކަމަށާ އަދި މެސެޖުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މައްސަލައިގައި ދާއޫދު ދިން ބަޔާންތަކުގައި ފުށުއެރުންތަކެއް
ކޮމިޝަނުގެ ރިޕޯޓުގައި ބުނި ގޮތުގައި ރައުދު ގެއަށް ވަދެފައި ވަނީ އަމިއްލައަށް ކަމަށާއި ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް ދާއޫދު ބުނެފައިވާ ކަމުގަ އެވެ. އަދި ރައުދު، ޔުމްނު ވެއްޓުމާ ބެހޭ އެއްވެސް ވާހަކައެއް އޭނާ ގާތުގައި ބުނެފައި ނުވާ ކަމަށް ދާއޫދު ބުނެފައި ވިނަމަވެސް، އެޕްރީލު މަހުގެ 18 ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި އޭނާ މިނިސްޓަރު އިހްސާން އާ މުއާމަލާތުކޮށް ވާހަކަ ދެކެވިފައިވާކަން ފާހަަގަކުރެވިފައިވާ ކަމުގަ އެވެ.
ހާދިސާއަށް ފަހު ރައުދު ގެއަަށް އައުމުން އޭނާ ބަލާ ތިިރިއަށް ފޭބީ ދާއޫދު ކަމަށް ދެ މީހަކު ބުނެފައިވާކަން ފާހަގަކޮށް ކޮމިޝަނުން ބުނީ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ދީފައިވާ ބަޔާނާއި އެ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާ އެކު، ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދީފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ދާއޫދު އާއި އޭނާގެ ރައްޓެހިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި އެ ފަރާތްތަކުން ތަހުގީގީ އިދާރާތަކަށް ދޮގު ބަޔާން ދީފައިވާތީ އެ ފަރާތްތަކުން ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ކޮމިޝަނުން ބުނީ ޔުމްނު ވެއްޓުނު ފަހުން ގެއަށް ދެވެންދެން ޔުމްނު ހޯދުމަށް ރައުދު މަސައްކަތްކުރި ކަން ހާދިސާ ހިނގި ވަގުތުން ފެށިގެން ސީސީޓީވީ ފުޓޭޖުތަކުން ފެންނަން ހުރުމާ އަދި އެ ރޭ ރައުދު އާ ދިމާވި ފަރާތްތަކުގެ ބަޔާންތަކުން އެނގޭ ކަމަށެވެ. ނަމަވެސް ދާއޫދު އާއި އޭނާގެ ރައްޓެހިންނާއި ރައުދު އާ ދިމާވިފަހުން އެކަން ބަދަލުވެ، ހާދިސާ ހިނގި ވަގުތުގެ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް އެ ހިސާބުން ފެށިގެން ރައުދު ބުނަމުން ގޮސްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ހާދިސާއަށް ފަހު ރައުދު އާއި ދާއޫދު އާ ބައްދަލުވެ ވާހަކަ ދައްކާފައިވާއިރު، މިފަދަ ހާދިސާއެއް ހިނގުމަށް ފަހު ދެން ދިމާވާ މީހެއްގެ ގާތުގައި، ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ މައްސަލަތަކެއްގެ ވާހަކަ ހަމައެކަނި ދައްކަފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.
"މީގެ ނަތީޖާއެއްގެ ގޮތުން ހައްވާ ޔުމްނު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރުން ބަލާއިރު ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި،" ރިޕޯޓުގައިވެ އެވެ.
ހާދިސާގައި ރައުދުގެ އިހުމާލާ އެއްވަރަށް، އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި ދާއޫދު އާއި އެ ގެއިން ރައުދު އާއި ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭ ކަމަށް ފެންނާތީ، އެކަން ކަމާ ބެހޭ އިދާރާތަކުން އިތުރަށް ތަހުގީގު ކުރުމަށް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
