ބަންޑާރަ މިސްކިތް ރީތިކޮށް ފެހިކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ބަންޑާރަ މިސްކިތުގެ، ފާހަނަބަރި އާއި ވުލޫކުރާތަން ރީތިކޮށް، މިސްކިތުގެ ގޯތިތެރެ ފެހިކުރުމަށް ގަސް އިންދުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަމާޒަކީ މާލެ ސިޓީގެ މިސްކިތްތަކަކީ އެތަންތަން ބޭނުންކުރާ ރައްޔިތުން ހިތްހަމަޖެހޭ ތަންތަނަށް ހެދުން ކަމަށެވެ.
އެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބަންޑާރަ މިސްކިތް ރީތި ކުރުމަށް، މިސްކިތުގެ ގޯތި ތެރޭގައި ގަސް އިންދުމުގެ އިތުރުން، މިހާރު މިސްކިތުގައި ހުރި ފާހާނަ ބަރިއާއި ވުލޫ ކުރާތަން އަލުން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު، ކުރިއަށްދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
ބަންޑާރަ މިސްކިތުގެ މި މަސައްކަތް ނިމިގެންދާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވި އެވެ.
ބަންޑާރަ މިސްކިތަކީ، މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދުގައި ހުންނަ މިސްކިތެކެވެ. އެހެންވުމުން، ހުރިހައި ނަމާދު ވަގުތަކަށް މި މިސްކިތަށް ވަރަށް ގިނަ ބަޔަކު ނަމާދުކުރަން ދާކަން ފާހަގަ ކުރެވެއެވެ. އެހެންވެ މިހާރު ފަަަށައިފައިވާ މި މަސައްކަތް ނިމުމުން، ހުރިހައި ފަރާތްތަކަށް ވެސް ހިތްހަމަޖެހުމާއި ފަސޭހަތައް ލިބިގެންދާނެކަމަށް ސިޓީ ކައުންސިލްއިން ބުންޏެވެ.
މޭޔަރު އާޒިމް ވިދާޅުވީ، މިސްކިތްތައް ރީތިކޮށް ބޭއްވުމަށް، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ.