ޚަބަރު

4000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
4000 ފްލެޓު ހިމެނޭ ސަރަހައްދަށް ރައީސް ޒިޔާރަތް ކުރެއްވުން

ނިމިގެން ދިޔަ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަން ފެށި 4000 ފްލެޓުގެ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

Ads by MPL

ރައީސް އޮފީހުން ބުނީ އެ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ރައީސް ކުރެއްވި ޒިޔާރަތުގައި ފްލެޓުތަކުގެ ނިމިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައީސްއަށް އަރުވާފައިވާ ކަމަށެވެ.

ރައީސްގެ އެ ޒިޔާރަތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްވެސް ބައިވެރިވެލެއްވި އެވެ.

މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މިނިސްޓަރު އެހާތަނަށް ނިމިފައިވަނީ އެންމެ 1000 ފްލެޓު ކަމަށެވެ. އަދި އެ 1000 ފްލެޓަށް ފެނާއި ނަރުދަމާ ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ އިރު ޖުލައި މަހަށް ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް އުއްމީދުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އޭރު އިތުރަށް ވިދާޅުވީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓް ނިންމާ އަދި ސެޕްޓެމްބަރުގެ ނިޔަލަށް 4000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމަން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސަރުކާރުން މިހާރު ވަނީ ކުރީ ސަރުކާރުން 2023 ވަނަ އަހަރު ނެރުނު ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓްތައް ދޭން ވެސް ނިންމާފަ އެވެ.

Ads by HDC