މެދު އިރުމައްޗަށް ސުލްހަ ގެންނަން ރާއްޖޭގެ އެހީތެރިކަން ލިބޭނެ: ރައީސް

މެދު އިރުމައްޗަށް ސުލްހަ ގެންނަން ރާއްޖޭގެ އެހީތެރިކަން ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ އިރާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ޑރ. އަލީރިޒާ ދެލްކޯޝް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް މުއިއްޒުއަށް އެރުވުމަށް ފަހު ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަަމުން ނެވެ.
އެގޮތުން މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ރައީސް ވިދާޅުވި އެެވެ.
އަދި ސަފީރު ވަނީ ރައީސް މުއިއްޒު އެފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތައުރީފު ކުރައްވައި، އީރާނުގެ ލީޑަޝިޕްގެ ނަމުގައި ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.
އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަހުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ހިއްސާކުރުމާއި ކުރިއަށް އޮތްތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުގު ވެރިކަން ފާޅުކުރެއްވި އެވެ.