މުނިފޫހިފިލުވުން ދިވެހި ސިނަމާ

ވަރަށް ލޯބިން ތާތިއާ ޝާރިފް ދޫކޮށްލީ ލޮލުގެ ޖަޒުބާތުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލޮލުގެ ޖަޒުބާތުންގެ މަންޒަރެއް

އަންނަ އޯގަސްޓު މަހުގެ ހަ ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ތައްޔާރުވަމުންދާ ދިވެހި ފިލްމު "ލޯބިން...؟" ގެ ފުރަތަމަ ލަވައިގެ ވީޑިއޯ އާންމުންނަށް ދޫކޮށްލައިފި އެވެ.

Ads by STELCO

އައި ފިލްމްސްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އިއްޔެ ޕޯސްޓު ކުރި މި ލަވަ އަކީ ދެހާހުގެ ކުރީކޮޅު އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ލޮލުގެ ޖަޒުބާތުން" ގެ ރީމޭކް އެކެވެ.

އޮރިޖިނަލް ލަވަ ކިޔާފައިވަނީ ޝުހެއިލް އެވެ. މިލަވައިގެ ވީޑިއޯގައި ފެންނަނީ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން މަރިޔަމް ނިޝާ އެވެ. މިއީ ދެހާހުގެ ކުރީކޮޅު ވަރަށް މަޝްހޫރުވި ލަވަ އެކެވެ.

ފިލްމު "ލޯބިން...؟" ގައި ހިމަނާފައިވާ ރީމޭކް ކިޔާފައިވަނީ އަހުމަދު އިފްނާޒް އެވެ. އެ ލަވައިގެ މިޔުޒިކް ހަދާފައިވަނީ ޑީޓިއުން ބޭންޑުގެ މެމްބަރު ފޫޖީ އެވެ.

ލަވައިގެ ވީޑިއޯގައި ފެންނަނީ ފިލްމުގެ ލީޑް ރޯލުން ފެންނަ އަހުމަދު ޝާރިފް އާއި ތާތި އާދަމްގެ ލޯބި މަންޒަރުތަކެކެވެ. އަތޮޅުތެރޭ ރަށެއްގައި ނަގާފައިވާ މި މަންޒަރުތަކުގައި ތާތި ފެންނަނީ ވަރަށް ރީތި ހެދުންތަކެއްގަ އެވެ. މަންޒަރުތަކުން ސިފަ ކުރެވޭ ގޮތުގައި ދެމީހުން އުޅެނީ ޗުއްޓީއެއް ހޭދަކޮށްލަން ގޮހެވެ. ދެތަރިންގެ ކެމިސްޓްރީ ލަވައިގެ މަންޒަރުތަކުން ވަރަށް ރީތިކޮށް ދައްކުވައިދީފައި ވެއެވެ.

"ލޯބިން...؟" ލިޔެ ޑައިރެކްޓުކޮށްފައިވަނީ އިލިޔާސް ވަހީދު އެވެ. ފިލްމުގެ މޭކަޕްތައް ކޮށްދީފައިވަނީ ރުތުބާ އެވެ. ކެމެރޭ މަސައްކަތް ކޮށްފައިވަނީ ސަމާހު އިބްރާހިމް އެވެ. ތާތިއާއި ޝާރިފްގެ އިތުރުން އަހުމަދު އިފްނާޒް އަދި ނުޒުހަތު ޝުއައިބުވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނެ އެވެ.

މިފިލްމަކީ އައިފިލްމްސްގެ އިތުރުން ލައިޓްސް އައުޓް ޕްރޮޑަކްޝަނާއި އިންޖީނިއަސް ވިޝުއަލް ފެކްޓަރީ ގުޅިގެން ގެނަސްދޭ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގައި މުޅިން ނިންމާލާފައިވާއިރު މިހާރު ކުރިއަށް ދަނީ އޭގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!