ހަނގުރާމަ އާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރަށް ސަމާލުވެ ފިޔަވަޅު އަޅަން ކުއްލި މައްސަލައެއް

އިޒްރޭލާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމަށް ކުރިއާލައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އިޒްރޭލުން އީރާނަށް މި މަހުގެ 13 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރަމުންދާ ހަމަލާތައް އިތުރުވެ، އެމެރިކާއިން ވެސް ވަނީ އީރާނަށް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގެ ރައްދުގައި އީރާނުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ހަމަލާ ދީފަ އެވެ.
އީރާނުން ގަތަރަށް ދިން އެ ހަމަލާ އާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރި އެވެ. ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ އެކު އެހެން އެއާޕޯޓުތަކަށް ފްލައިޓުތައް ޑައިވާޓްކުރަން ޖެހުމާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓުތައް ޑިލޭވެފައިވެ އެވެ.
އެކަމާ ގުޅިގެން މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލު އަހްމަދު ނަސީމެވެ.
މީކާއީލު ހުށަހެޅުއްވި މައްސަލައިގައި ވަނީ ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށްވާއިރު، އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެ، ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރު ފައިސާ ލިބުން ދަށްވުން ފަދަ ދަތި ހާލަތެއް ރާއްޖެއަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށްފަ އެވެ.
"އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރުމާ އެކު، ބޭހާއި ކާޑުގެ ބާވަތްތަކާ އަދި ތުއްތުކުދިންގެ ކާނާ ފަދަ، ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށް ޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް،" މައްސަލައިގައިވެ އެވެ.
މައްސަލައިގައި ބުނި ގޮތުގައި އެ ތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަށް ހުރިތޯ ނުވަތަ ނޫންތޯ ސަރުކާރުން އާންމުންނަށް އަންގައިދޭން ވާނެ ކަމުގަ އެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންވެއްޖެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ކަމަށް މީކާއީލު ވަނީ ވިދާޅުވެފަ އެވެ.
މީކާއީލު ހުށަހެޅުއްވި މައްސަލަ މަޖިލިހަށް ބަލައިގަނެ، މެމްބަރުންގެ މެދުގައި ބަހުސް ކުރުމަށް ފެންނަ ކަމަށް 45 މެމްބަަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.