އެސްޖޭއިން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސްކުރަން މަޝްވަރާކޮށްފި

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރަމުންދާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން އެ ކުންފުންޏާ އެކު އިސްލާމިކް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
އެ ކުންފުނިން މިސްކިތް އަޅަން ފެށީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އޭރު އެއްބަސްވީ 400 އެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާ އަދި މަސައްކަތް ކުރަމުންދާ ގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެކި ތުހުމަތުތައް އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.
ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރަމުންދާ އެ މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.
މިސްކިތާ ގުޅޭ މަޝްވަރާ ކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެސްޖޭ ކޮންސްޓްރަކްޝަނުގެ އިސްވެރިންނާ އެކު އިއްޔެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް ކުރަން ޖެހޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ވީ އެންމެ އަވަހަކަށް އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބާރު ދުވެލީގައި ކުރާނެ ކަމުގެ ޔަގީންކަން އެސްޖޭ ކުންފުނިން އެ ބައްދަލުވުމުގައި ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނުން މިހާރު އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނިޔަލަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުމަށް ކަމަށް އެ ކުންފުނިން ބައްދަލުވުމުގައި މައުލޫމާތު ދީފައިވާ ކަމުގަ އެވެ.
މިސްކިތުގެ މަސައްކަތް ދިގުލައި ދިއުމާއި އެ ކުންފުންޏާ މެދު ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިދިޔަ ޖެނުއަރީ މަހު ޝަހީމް ވިދާޅުވެފައި ވަނީ އިސްލާމިކް މިނިސްޓްރީން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމަން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.
މިސްކިތް އިމާރާތް ކުރަމުންދާ ސަރަހައްދަށް ޒިޔާރަތްކޮށް، ދިމާވެފައި ހުރި ދަތިތައް ބަލާފައިވާ ކަމަށާއި ހައްލު ކުރަން ޖެހޭ ކަންކަން ހައްލު ކޮށްދެމުންދާކަން ފާހަގަކުރެއްވި އެވެ. އަދި މިސްކިތުގެ މަސައްކަތުގެ ޓައިމްލައިނެއް ވެސް ޝަހީމް ވަނީ ހިއްސާކުރައްވާފަ އެވެ.
