ޓްރާންސްޕޯޓް މިނިސްޓަރު އަމީން ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން، ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ތުރުކީއަށް ވަޑައިގެންނެވީ އެ ގައުމުގެ ވެރިރަށް އިސްތަންބޫލްގައި ބާއްވާ "ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025" ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓާގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްގީ ކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ އެ ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުއާން އިފްތިތާހު ކޮށްދެއްވާ އެ ފޯރަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި މިނިސްޓަރ އަމީން ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ސެޝަނަކީ އެކި ގައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަގުބަލް ބައްޓަންކުރުމުގައި ދެމިގެންދާ އިސްކަންދޭ ކަންތައްތަކާއި، ޢަމަލީ ހަގީގަތްތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާކުރުމަށް ރޭވިފައިވާ މުހިންމު މަންސައެއް ކަމަށެވެ.