ޚަބަރު

ފައިނު އެކްސިޑެންޓް: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި، ޓީޗަރުގެ ހާލު ސީރިއަސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިން އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލަނީ / ފޮޓޯ:އުނގޫފާރުޑޮޓްކޮމް

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި ދެ ކުޑަކުދިން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

Ads by STELCO

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭ ގޮތުން ސައިކަލުގައި ތިބީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރެކެވެ. ސައިކަލުން ޖެހިފައި ވަނީ ކަސްރަތަށް ހިނގަން ނިކުމެ އުޅުނު އެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގަ އެވެ.

އެކްސިޑެންޓާ ގުޅިގެން އެ ފަރާތްތަކަށް ލިބުނު އަނިޔާތަކަށް ފައިނު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އެ ރޭ ގެންދިޔަ އެވެ.

ހާލު ސީރިއަސްވުމާ އެކު އަނިޔާ ލިބުނު ދެ ކުދިންނާއި މީހަކަށް އިތުރު ފަރުވާ ދިނުމަށް ހުކުރު ދުވަހު ވަނީ މާލެ ގެނެސްފަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ ވެންޓިލޭޓަރުގައި ފަރުވާދެމުން އައި 14 އަހަރާއި 16 އަހަރުގެ ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާ ކަަމަށެވެ. އެހެންނަމަވެސް އެ ދެ ކުދިންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އުމުރުން 49 އަހަރުގެ ޓީޗަރަށް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައިކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލު ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެ އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ހަސަން ފަޒީލް މިއަދު "ދެން" އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ޕްރިންސިޕަލަށް އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ހުކުރު ދުވަހު ދޫކޮށްލާފައިވާ ކަަމަށެވެ.

Ads by Allied Insurance