މުނިފޫހިފިލުވުން ދިވެހި ސިނަމާ

ބެހި ލިލީތަކުގެ ސިއްރު ހާމަވެއްޖެ، އާންމުންގެ ބޮޑު ސަމާލުކަމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލިލީ ފިލްމުގެ ނަން ހާމަކުރި ވީޑިއޯގެ ސްކްރީންޝޮޓެއް

މި ހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހު ސޯޝަލް މީޑިއާގައި "ލިލީ ލިބިއްޖެ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިންގައި ބެހި މާތަކުގެ ސިއްރު ކްރިއޭޓިވް ނެޓްވޯކްއިން ހާމަކޮށްފި އެވެ.

Ads by STELCO

އިއްޔެ އެ ސްޓޫޑިއޯއިން ވަނީ އެމީހުންގެ އަލަތު ފިލްމުގެ ނަން ހާމަކޮށް ވީޑިއޯއެއް އާންމުކޮށްފަ އެވެ. ފިލްމުގެ ނަމަކީ "ލިލީ" އެވެ. މާލެ ސަރަހައްދުގެ އިތުރުން ޅ. ހިންނަވަރާއި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ލިލީ މާތަކެއް ބެހީ ފިލްމުގެ ޕްރޮމޯޝަން ކެމްޕެއިނެއްގެ ގޮތުގަ އެވެ.

އިއްޔެ އާންމު ކުރި ވީޑިއޯގައި ވަނީ ފިލްމުގެ ލީޑު ކާސްޓުންގެ އަޑުވެސް އިއްވާލައިފަ އެވެ. އެގޮތުން ލިލީގެ ކެރެކްޓާ އަދާކުރަނީ ބަތަލާ އައިޝާ އަލީ އެވެ. މީގެ އިތުރުން އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، މުހައްމަދު ވަހީދު، އައިޝަތު އާރިފާވެސް ހިމެނެ އެވެ. މީގެ އިތުރުން މުޅިން އަލަށް ފިލްމަކުން ފެންނަ އެލީޝާ ސަނީމް އާއި ހަދީޖާ އަބޫބަކުރުވެސް ފިލްމުން ފެންނާނެ އެވެ.

ނިމިދިޔަ އަހަރު ސިނަމާގައި އެޅުވި "މީ އިޝްގް" ލިޔެ ޑައިރެކްޓު ކުރި އަޒްހާން އިބްރާހިމް ޑައިރެކްޓު ކުރާ "ލިލީ" ޕްރޮޑިއުސް ކުރަނީ މުހައްމަދު އަރީހް އެވެ. ފިލްމުގެ ކެމެރާ މަސައްކަތްތައް ކޮށްފައިވަނީ ސަމާހު އިބްރާހިމް އެވެ. ބެކް ސްކޯރިންގެ މަސައްކަތް ފަތުހުالله ޝަކީލް (ފަޗޫ) ކޮށްފައިވާއިރު ފިލްމުގެ މޭކަޕްތައް ކޮށްފައިވަނީ ޖަސްޓިން އެވެ.

މީގެ އިތުރުން ފިލްމުގައި ހިމެނޭ ލަވަތަކުގެ ޅެމާއި ރާގު ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. މިޔުޒިކްތައް ހެދީ ހުސައިން ތައުފީގު އެވެ. ލަވަތައް ކިޔާފައިވަނީ ތޭރަވާގެ އިތުރުން މަރިޔަމް އަޝްފާ، ޝަލަބީ އިބްރާހިމް އަދި ލައިޝާ އެވެ. ފިލްމުގައި ހިމެނޭ އެނިމޭޝަންއާއި ވީއެފްއެކްސްގެ މަސައްކަތް ކޮށްފައިވަނީ ހުސައިން އިހުސާން (ވައިސީ) އެވެ.

އަޒްހާން މީގެ ކުރިން ވަނީ ކްރައިމް ތްރިލާ ޖޯންރާގެ ދެ ވެބް ސީރީޒް "ދަރަކަ" އަދި "މިރާއީ" ވެސް ލިޔެ ޑައިރެކްޓު ކޮށްފަ އެވެ. "ލިލީ" އަކީވެސް މި ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލ. އަތޮޅުގެ ހިތްގައިމު މަންޒިލްތަކުގަ އެވެ.

ފިލްމުގެ ނަން ހާމަކޮށް ދޫކޮށްލި ވީޑިއޯއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު 24 ގަޑިއިރު ތެރޭގައި އެއް ލައްކަ 50 ހާހަށްވުރެއް ގިނަ ވިއުޒް ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ވަނީ ލިބިފަ އެވެ.

"ލިލީ" ބެލުންތެރިންނާ ހަމައަށް އަންނާނީ މި އަހަރެވެ. އެހެންނަމަވެސް ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

Ads by Ooredoo