ޚަބަރު ރައްޔިތުންގެ މަޖިލިސް

ފްލެޓު ހަވާލުކުުރުން ލަސްކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އަޅަމުންދާ 4،000 ފްލެޓު ހަވާލުކުރުމުގެ މަސައްކަތް މި ސަރުކާރުން ލަސްކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

Ads by STELCO

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ އިމާރާތްކުރި 4،000 ފްލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅާފައި ވިނަމަވެސް، އެ ފަރާތްތަކާ ފްލެޓު ހަވާލުކުރުން ލަސްކުރަމުންދާ މައްސަލަ އާ މެދު މަޖިލިހުގައި ބަހުސް ކުރުމަށެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި އެ މައްސަލަ ބަލައިނުގަތުމަށް ނިންމައި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލިހުގެ ގަވާއިދުގެ އެފަދަ މައްސަލަތައް ހުށަހެޅުމާ ބެހޭ މާއްދާގައި ބުނާ ގޮތުން ކުއްލި މައްސަލައަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ވާން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރު ފޮނުއްވާފައިވާ މައްސަލައިގައި މި ދެންނެވި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވެން ނެތް ވާހަކަ ދަންނަވަމެވެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނީ ފްލެޓުތައް ލިބޭނެ ފަރާތްތައް ކުރީގެ ސަރުކާރުން ކަނޑައަޅާފައި ވަނީ ގޯސްކޮށް ކަމަށާއި އެ ފޯމުތައް އަލުން އިވެލުއޭޓް ކުރަމުންދާ ކަމަށް ބުނެ އެތައް ދުވަހެއް ލަސްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ފްލެޓު ދޫކުރުމުގައި ބަލާނީ ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އާންމުކޮށްފައިވާ ލިސްޓަށް ކަމަށް، މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ފްލެޓުތައް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވުމަކީ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ކަންބޮޑުވުން އެކަމުގައި އިންތިހާއަށް އޮތް ކަމެއް ކަމުގައި އެ މައްސަލައިގައިވެ އެވެ.

ކުއްލި މައްސަލައިގައި ބުނި ގޮތުގައި މި ކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކަމަކަށްވާއިރު، ބޯހިޔާވަހިކަމުގެ ދަތިކަމަކީ ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމާއި ކުށުގެ މާހައުލަށް ގެނބިގެން ދިއުމާ އަދި އެހެނިހެން ވެސް އިޖުތިމާއީ އެތައް މައްސަލަތަކެއްގެ އެންމެ ބޮޑު އަސްލު ކަމުގަ އެވެ.

"ދެންނެވުނު ފްލެޓުތައް ހަވާލުކުރުން އިތުރަށް ލަސްކުރަމުންދާ ނަމަ، އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި، ދުވަހެއް ދުވަހަށް ނިކަމެތިވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އިޖުތިމާއީ މައްސަލަތައް އިތުރުވަމުން ދިޔުމުގެ ނުރައްކާ އޮތް،" ކަމަށް ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަމުންދާ 4،000 ފްލެޓުގެ ބައެއް ޓަވަރުތައް / ފޮޓޯ:ރައީސް އޮފީސް

ފްލެޓުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 19 ވަނަ ދުވަހު އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފަ އެވެ. އެ ޒިޔާރަތަށް ފަހު ހައުސިން މިނިސްޓަރު މުއްތޮލިބް ވިދާޅުވެފައި ވަނީ ފްލެޓުތަކުގެ މަސައްކަތް ނިމެމުންދާ ވަރަކުން ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ސަރުކާރާއި ހަވާލުވިިއިރަށް ވުރެ ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށް ގޮސްފައިވާކަން ފާހަގަކުރައްވައި މުއްތޮލިބް ވިދާޅުވެފައިވާ ގޮތުގައި ކޮންޓްރެކްޓަރާއި އެފްޑީސީ އާ ގުޅިގެން ވަރަށް ރަނގަޅަށް ބެލިގެން ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގަ އެވެ.

މަޝްރޫއުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތް ހިމެނިފައި ނުވާތީ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާ ގުޅިގެން ވީހާވެސް އަވަހަކަށް ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެ ހިދުމަތްތައް ގުޅި، މަސައްކަތްތައް ނިމިފައި ހުރި ޓަވަރުތަކަށް މީހުން ވެއްދޭ ހިސާބަށް ދާންވާ އިރަށް ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް އެގްރިމެންޓުކޮށް އެ ތަންތަނަށް ވަނުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކުރެއްވި އެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި ފްލެޓުތަކުގެ އެގްރިމެންޓް ހެދުމުގެ މަސައްކަތާ އަދި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.

Ads by HDC