ލިލީ ފިލްމުން މިފަހަރު ދެނީ އައިލެންޑް ޕާފިއުމްގެ ސެންޓު ފުޅިތަކެއް

މިއަހަރު ސިނަމާގައި އަޅުވަން ހަމަޖެހިފައިވާ ދިވެހި ފިލްމު "ލިލީ" ގެ ފަރާތުން އައިލެންޑް ޕާފިއުމް ބާގެ ދެ ސެންޓު ފުޅި އާންމުންނަށް ދޫކޮށްލަން ފުރުސަތު ހުޅުވާލައިފި އެވެ.
މި ފިލްމު އުފައްދާ ކްރިއޭޓިވް ނެޓްވޯކުގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކްގައި އިއްޔެ އާންމުކުރި ވީޑިއޯއެއްގައި މި ފުރުސަތު ހުޅުވައިލީ 2 ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން މާދަމާ ހެނދުނަށް މި ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނެ އެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް ކްރިއޭޓިވް ނެޓްވޯކުގެ ޕޭޖުން އަޕްލޯޑުކޮށްފައިވާ "ލިލީ" ފިލްމުގެ ޓައިޓަލް ރިވީލް ވީޑީއޯއަށް ލައިކެއް ދިނުމަށްފަހު އޭގެ ކޮމެންޓު ބައިގައި ތިން މީހަކު ޓެގުކުރަން ޖެހެ އެވެ. އަދި ކްރިއޭޓިވް ނެޓްވޯކު ޕޭޖާއި އައިލޭންޑް ޕާފިއުމްގެ ޕޭޖު ޓެގު ކުރުމަށްފަހު ޓައިޓަލް ވީޑިއޯ ޝެއާ ކުރުމުން މި ގިވްއަވޭގައި ބައިވެރި ވެވުނީ އެވެ. އިންސްޓަގްރާމްގައި ޝެއާ ކުރާނީ ސްޓޯރީއަށެވެ.
މި ގިވްއަވޭގައި ދޫކޮށްލަނީ ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ދެ ސެންޓު ފުޅި އެވެ. އެއީ އަންހެނުންނަށް ހާއްސަ ފުޅިއަކާއި ފިރިހެނުންނަށް ހާއްސަ ފުޅި އެކެވެ. ގުރުއަތުން ހޮވޭ ފަރާތެއް ބޭނުން ވައްތަރެއްގެ ސެންޓު ފުޅިއެއް އައިލެންޑް ޕާފިއުމް ބާއިން އެމީހަކަށް ހަދިޔާ ކުރާނެ އެވެ.
އައިލޭންޑް ޕާފިއުމް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓު އުފައްދާ ފިހާރަ އެވެ. އެތަނުން ގިނަ ވައްތަރުތަކެއްގެ ސެންޓު ހަދައިދެ އެވެ. އެމީހަކު ބޭނުން ވަހެއް ބުނުމުން އެގޮތަކަށްވެސް ސެންޓު ހަދައިދެ އެވެ.
ދިވެހި ފިލްމު "ލިލީ" އަކީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ. ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މި ފިލްމު ސިނަމާއަށް އަންނާނީ މި އަހަރު އެވެ.
