ޚަބަރު ރައްޔިތުންގެ މަޖިލިސް

ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭ ކަމަށް ބުނެ މަޖިލިހަށް ކުއްލި މައްސަލައެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ): ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީ ކުއްލި މައްސަލައެއް ވަނީ ހުށަހަޅުއްވާފައި / ފޮޓޯ:މަޖިލިސް

ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތް ނުވެ، މިހާރު ވެސް 120 ޓަނަށް ވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި ބަހައްޓަން ޖެހުމުން ހަލާކުވަމުންދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

Ads by STELCO

މަޖިލިހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.

މައްސަލަ މަޖިލިހަށް ބަލައިގަނެ، ބަހުސް ކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑަައިގެންނެވި 40 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ތާއީދާ އެކުގަ އެވެ.

ފިއްޓެ ހުށަހެޅުއްވި މައްސަލައިގައި ބުނީ މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކޮށް، ބޮޑުކަންނެލީގެ މަސްވެރިންނަށް އެ ކުންފުނީގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި ބޮޑުކަންނެލީގެ އަގު 80 އާއި 100 ރުފިޔާ އާ ދެމެދު ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ވެވަޑައިގެންނެވި ވައުދުފުޅުތަކާ އެއްގޮތަށް ކަންކަން ކުރައްވާފައިނުވާ ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުން ބާނާ ކަންނެލި ކިރޭނެ ގޮތް ނެތުމާއި ކަންނެލި ކިރުމަށް ފަހު ފައިސާ ލިބުން ލިބުން ލަސްވަމުން ދިއުމާ އަދި މަސްވެރިކަން ކުރުމަށް އެކި ގޮތްގޮތުން ދިމާވާ ދަތިތައް އިތުރުވަމުން އަންނަކަމުގެ ޝަކުވާ އެ މަސްވެރިން ކުރަމުންދާ ކަމުގައި ފާހަގަކުރި އެވެ.

"މި ހިނދުވެސް 120 ޓަނަށް ވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި، އެކިއެކި ދޯނި ފަހަރުގައި އެބަހުރިކަމާއި އެ ކަންނެލިތައް ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވުމުގެ ބިރު އެބައޮތްކަން ފާހަގަކުރަމުން، ބޮޑުކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާއިރު، ބޮޑުކަންނެލި ބާނައިގެން އަންނަ ދޯނިތައް، ބޮޑުކަންނެލި ކިރުމަށް ޓަކައި އެތައް ދުވަހެއް ވަންދެން ކިޔޫގައި މަޑުކުރަން ޖެހުން އާންމު ކަމަކަށް ވެފައި،" މައްސަލައިގައިވެ އެވެ.

މައްސަލައިގައި ބުނި ގޮތުގައި މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު، އެކަށީގެންވާ މިންވަރަށް މަސް ކިރޭނެ ގޮތް ހަމަޖެހިފައި ނެތުމުގެ ސަބަބުން މަސްވެރިންނަށް އެތަކެއް ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމުގަ އެވެ.

އަދި ދުނިޔޭގެ އިގުތިސޯދު ކުރިއަރަމުންދާ ދިޔުމުގައި، މަހުގެ ޑިމާންޑް މަތިވަމުންދާ ދަނޑިވަޅުތަކުގައި ވެސް ރަނގަޅު އަގުގައި މަސް ނުވިއްކޭ ކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރަމުންދާ ކަމަށް ފާހަގަކުރި އެވެ.

"މަސްވެރިންނާއި މަސްވެރި އާއިލާތަކަކީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާއެއްކުރާ ބައެއް ކަމަށް ވެފައި، މިފަދައިން އެ ސިނާއަތުގެ ކަންކަން ދަށަށް ދިޔުމަކީ، މަސްވެރިންގެ އަދި މަސްވެރި އާއިލާތަކުގެ މާލީ ހާލަތު ދަށްވެ، އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ ދުޅަހެޔޮ ކަމަށް އަސަރު ކުރާނެ ކަމެއް،" މައްސަލައިގައިވެ އެވެ.

މިފަދަ ކަންކަމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަމަކަށް ވުމާއި، މުޖުތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަންކަން ކަމަށް ވާތީ ރައީސްގެ ރިޔާސީ ވައުދުފުޅުތަކާ އެއްގޮތަށް މަސްވެރިންނަށް ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް ބާރުއަޅައި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.

Ads by HDC