ލޯބިން...?" ގެ ތިން ޝޯގެ ޓިކެޓު ވިއްކަން ފަށައިފި، ތަރުހީބު ރަނގަޅު"

އަންނަ އޯގަސްޓު މަހުގެ 6 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރަން ހަމަޖެހިފައިވާ ދިވެހި ފިލްމު "ލޯބިން...؟" ގެ ފުރަތަމަ ތިން ޝޯގެ ޓިކެޓު ޕްރީ ސޭލްގައި ވިއްކަން ފަށައިފި އެވެ.
ރަސްމީކޮށް އޮލިމްޕަސް ސިނަމާގެ ޓިކެޓު ކައުންޓަރުން ވިއްކަން ފެށުމުގެ ކުރިން އޯގަސްޓު 7، 8 އަދި 9 ވަނަ ރޭގެ ޝޯގެ ޓިކެޓު މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. އައިފިލްމްސްގެ ހޮޓްލައިން 7242555 އަށް ގުޅައިގެން ނުވަތަ ވައިބާ ކޮށްގެން ޓިކެޓު ގަނެވޭނެ އެވެ.
މީގެ ކުރިން "ބަވަތި" އަދި "ނީނާ" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނާއި ހަމައަށް ގެނަސްދީފައިވާ އިލިޔާސް ވަހީދު ލިޔެ ޑައިރެކްޓު ކުރާ "ލޯބިން...؟" ގެ ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ ތާތި އާދަމް، އަހުމަދު ޝާރިފް، އަހުމަދު އިފްނާޒްގެ އިތުރުން ނުޒުހަތު ޝުއައިބެވެ.
މި ފިލްމަކީ ރާއްޖޭގައި ހުރި އިޖުތިމާއީ ސީރިއަސް މައްސަލަތަކަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ފިލްމެއްކަަމަށް އައިފިލްމްއިން މީގެ ކުރިން ބުންޏެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ކ. ތުލުސްދޫ އާއި ނ. ކެނދިކުޅުދޫގަ އެވެ.
މިފިލްމުގައި ގިނަ ލަވަތަކެއް ހިމެނޭނެކަމަށް ފިލްމުގެ އެސިސްޓެންޓު ޑައިރެކްޓަރުންކަންވެސް އަދާކުރާ އިފްނާޒް މީގެ ކުރިން ވަނީ ބުނެފަ އެވެ. މިއީ މީގެ ކުރިން އިލިޔާސް ޑައިރެކްޓު ކުރި ފިލްމުތަކާއި ކޮންމެވެސް ވަރަކަށް ތަފާތު ފިލްމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
"ލޯބިން...؟" ގައި ހިމެނޭ އެއް ލަވަ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އެއީ ދެ ހާހުގެ ކުރީކޮޅު މަގުބޫލުވި ލަވަ "ލޮލުގެ ޖަޒުބާތުން" ގެ ރީމޭކެކެވެ. އެލަވަ ކިޔާފައިވަނީ އިފްނާޒް އެވެ. ލަވައިގައި ފެންނަނީ ތާތިއާ އިފްނާޒްގެ ލޯބީގެ މަންޒަރުތަކެކެވެ.
