ޚަބަރު

ލުއިތަކާއެކު ކެލާ ފަޅުގައި ރިސޯޓު ހަދަން އަލުން ހުޅުވާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހއ. ކެލާ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: މޯލްޑިވްސް މެގަޒިން.ކޮމް

ލުއިތަކާއެކު ހއ. ކެލާ ފަޅުގައި ރިސޯޓު ހަދަން އަލުން ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

Ads by MPL

ޖުމްލަ 325 ހެކްޓަރު ހިމެނޭ ގޮތަށް ކެލާ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލީ މިދިޔަ މާޗު މަހު އެވެ. އެއީ މިދިޔަ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކުރީގެ އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ.

ްއެގޮތަށް ނިންމީ ފަތުރުވެރިކަން މިހާތަނަށް ތަރައްގީ ވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ., ހދ., ށ., ތ., ލ., އަދި އައްޑޫ ސިޓީ ގައި ރިޒޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ އެ ލުއިތައް ދީ ކެލޭ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން އަލުން އިއުލާނުކުރަން ކުރީގެ އިއުލާން ބާތިލުކުރީ ކަމަށް މިނިސްޓްރީން ބުންޏެެވެ.

ކެލާ ފަޅުގައި ދެ ރިސޯޓް ހަދަން 325 ހެކްޓަރު ކަނޑައަޅާފައިވާ އިރު އެ ފަޅަކީ 2،400 ހެކްޓަރު ބޮޑު ފަޅެކެވެ.

ކަނޑޫފަލަކާއި ޗަސް ބިމެއް ވެސް އޮންނަ، 2400 މީހުންގެ އާބާދީއެއް އޮންނަ ކެލާ މަޝްހޫރު ވެފައި ވަނީ އެ ރަށުގެ ރީތި ބީޗުގެ ސަބަބުންނެވެ. އެ ދޮންވެލި ބީޗަކީ ދުނިޔޭގެ ނަން މަޝްހޫރު، އެވޯޑުތަކެއް ވެސް ލިބިފައިވާ ބީޗެކެވެ.

އިނގިރޭސިން ރާއްޖޭގައި އުޅުނު އިރު ވަޒަންވެގެން ތިބި އެއް ރަށް ކަމަށްވާ ކެލާގައި އަދިވެސް އިނގިރޭސީންގެ އޭރުގެ ބިނާތަކުގެ ނިޝާންތައް ވެސް އެބަ ހުއްޓެވެ.

Ads by Allied Insurance