އައްޑޫގައި ހެދި ނުރައްކާތެރި ކުނި މެނޭޖުކުރާ މަރުކަޒު ވެމްކޯއާ ހަވާލުކުރަނީ

އައްޑޫގައި ހެދި ވަގުތީ ނުރައްކާތެރި ކުނި އަދި ކެމިކަލްސް ރައްކާކުރާ މަރުކަޒު ވެމްކޯއާ ހަވާލުކުރަން ނިންމައިފި އެވެ.
އެތަން ހަވާލުކުރަން ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވެމްކޯއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މަރުކަޒު ވެމްކޯއާ ހަވާލުކުރުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުރައްކާތެރި ކުނި ނައްތާލުމަށް ފަސޭހަ މަގެއް ފަހިވެ، ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްކޮށް ކުރިއެރުވުމަށްވެސް އެހީތެރިވެގެންދާނެ ކަމަށެވެ.
އެ މަރުކަޒުގެ ސަބަބުން، "ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް" (ޕޮޕްސް) ފަދަ ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޭނުންވާ މަގުފަހިވެ، އާންމު ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ މަރުކަޒަކީ، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ޕްރޮޖެކްޓްގެ ދަށުން "އެލިމިނޭޓިން ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" ގެ ނަމުގައި ހިންގާ ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރެވުނު މަރުކަޒެކެވެ.
