އަމިއްލަ ޖީބުން ޚަރަދު ނުދާނެ އަގަކަށް، އައިޖީއެމްއެޗްގެ އައިނު ފިހާރަ އަންނަ މަހު

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އިން އައިނުގެ ޚިދުމަތަށް ވަދެ، އަންނަ މަހު އައިނު ފިހާރައެއް ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އޮންލައިން ނޫސް "މިހާރު"އަށް މައުލޫމާތު ދެމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވީ، އަންނަ މަހު އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވާނެ ކަމަށާއި، އޭރުން އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް ގިނަ ފަރާތްތަކަށް އައިނު ހެއްދޭނެ ކަމަށެވެ.
ހަލީމް ވިދާޅުވީ، އައިޖީއެމްއެޗް އިން އައިނު ހަދަން ދުނިގަނޑު އަދި ލޯކޮޅު ގެންނަން ނިންމާފައިވަނީ ބޭރު ގައުމުން ކަމަށާއި އެހެންކަމުން އައިނު ހެދުމަށް ދާނެ ޚަރަދު ބޮޑުތަނުން ކުޑަވާނެ ކަމަށެވެ.
އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1000 ރުފިޔާގެ އަދަދު، މިދިޔަ ޖޫން މަހުން ފެށިގެން ވަނީ 2000 ރުފިޔާއަށް އިތުރުކޮށްފައެވެ. އަދި އައިޖީއެމްއެޗް އިން އައިނުގެ ޚިދުމަތަށް ވަންނާނެ ކަމަށް ރައީސް ވަނީ މިދިޔަ މެއި މަހު ވިދާޅުވެފައެވެ.
ރާއްޖޭގައި އައިނު ހެދުމުގެ ވިޔަފާރީގައި މީގެ ކުރިން ހަރަކާތްތެރިވަމުން ދިޔައީ އާއްމު ފަރާތްތަކެވެ. ކޮންޓްރޯލް ކުރެވިފައިވާ އަގެއް ނެތުމުން ރާއްޖޭގައި އައިނު ހައްދައިދެމުން ދަނީ ވަރަށް ބޮޑު އަގަކަށެވެ. އަވައްޓެރި ބައެއް ގައުމުތަކުން އައިނެއް 300 ރުފިޔާއަށް ހެދޭއިރު، ރާއްޖޭގައި ހަމަ އެކޮލިޓީގެ އައިނެއް ހެދެނީ 4000 ރުފިޔާއަށެވެ.
ހަލީމް އިތުރަށް ވިދާޅުވީ، އެ ހޮސްޕިޓަލް ތެރޭގައި ހުޅުވާ އައިނު ފިހާރައިން ލޮލުގެ ނަމްބަރު ނެގުމުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި އެހެން ހޮސްޕިޓަލަކުން ގެންނަ ޕްރިސްކްރިބްޝަނަށް ވެސް އައިނު ހަދައިދޭނެއެވެ.