ޚަބަރު

ޔާމީންގެ ރައްދެއް ފައްޔާޒަށް: ޓާމިނަލުން ކުރީ ވައްކަން، އެމްޑީޕީއަށް އިނގެނީ އެސެޓް ވިއްކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ / ފޮޓޯ:ދެން އިމޭޖްސް

މިދިޔަ އެމްޑީޕީ ސަރުކާރުން ވެލާނާ އިންޓަރނޭޝަލަން ޓާމިނަލް އެޅުމުގެ ނަމުގައި ކުރީ ވައްކަން ކަމަށާއި، މިހާރު އުޅެނީ ޖީއެމްއާރަށް އެއާޕޯޓް ވިއްކާލުމަކީ ރަނގަޅު ކަމެއް ކަމަށް ދައްކަން ކަމަށް ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެލާނާ އިންޓަރނެޝަން އެއާޕޯޓް ވަނީ 25 އަހަރަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ވެސް ޖީއެމްއާރުގެ މައްސަލައިގައި ކުރި މުޒާހަރާތަކުގައެވެ. އޭރު އެކަން ސިފަކޮށްފައިވަނީ ދިވެހިންގެ މައި ވައިގެ ބަދަރު ބަޔަކަށް ވިއްކާލުން ކަމަށެވެ.

މިނިވަން ދުވަހާ ދިމާކޮށް މި ހިނގާ ޖުލައިމަހުގެ 26ގައި ވެލާނާ އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވުމަށް ވަނީ ތާވަލްކޮށްފައެވެ. އައު ޓާމިނަލް އެޅުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދާ، މަސައްކަތް ފަށާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭގެ ފަހުން ރައީސް ޞާލިޙްގެ ވެރިމުގައި ވެސް މަސައްކަތް ކުރިޔަށް ގެންގޮސް، މަސައްކަތް ނިމިފައިވަނީ ރައީސް މުޢިއްޒުގެ ވެރިކަމުގައެވެ.

އައު ޓާމިނަލްއާ ގުޅޭ ގޮތުން ކުރެވެމުންދާ ބަހުސްގައި، އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން، ރައީސް ޞާލިޙްގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒް އިބްރާހީމް ވިދާޅުވީ، އެއާޕޯޓް ޖީއެމްއާރުއަތުން އަތުލީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމަށާއި، ހިންގުމަށް (ދައުލަތުން ޚަރަދެއް ކުރަންނުޖެހޭ ގޮތަށް) ބަޔަކާ ހަވާލުކޮށްފައި އޮއްވައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއަރޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް. މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއަރޕޯޓުގެ ނަމުގައި ނެގި ދަރަނިން. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން." ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، އެއާޕޯޓް ވޭރިއޭޝަންގެ ނަމުގައި އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ކަމަށެވެ. އަދި އެއާޕޯޓް އަޅަން ބިން ލާދިން ގުރޫޕްއާ އެމަނިކުފާނުގެ ވެރިކަމުގައި ހަވާލު ކުރީ 317 މިލިޔަނަށް ކަމަށާއި، ނަމަވެސް އެއާޕޯޓަށް ގެނައި ވޭރިއޭޝަންތަކާއެކު މިހާރު އެތަނުގެ އަގު 600 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ. ނަމަވެސް އެއާޕޯޓް ހުރީ ކުރިން ވެސް ޑިޒައިން ކުރި ގޮތަށް ކަމަށާއި، އެއާޕޯޓްގެ މަލަމައްޗަށް ގެނައި ބަދަލަށް އެންމެ ގިނަ ވެގެން އަރާނީ 28 މިލިޔަން ޑޮލަރު ކަމަށް ވިދާޅުވިއެެވެ.

ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓް ދިނުން ރަނގަޅު ކަމެއް ކަމުގައި ދައްކަން އެމްޑީޕީން މަސައްކަތް ކުރަމުން އަންނައިރު، 300 މިލިޔަން ރުފިޔާގެ ފައިދާ ލިބެމުން ދަނިކޮށް، އެއާޕޯޓް ޖީއެމްއާރަށް ދިނުމުން އެއަރު އެކުންފުނިން ދައްކާފައިވަނީ 15 މިލިޔަން ކަމަށެވެ. ނަމަވެސް ޖީއެމްއާރުން އެއާޕޯޓް އަތުލައި، އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު އެއާޕޯޓު ކުންފުންޏަށް 1.3 ބިލިޔަން ރުފިޔާގެ ފައިދާވިކަން ފާހަގަ ކުރެއްވިއެވެ.

ޔާމީން ވިދާޅުވިީ، އެމްޑިޕީން ވެރިކަަމަށް އަންނަ ކޮންމެ ފަހަރަކު ކުރާ ކަމަކީ ދައުލަތުގެ އެސެޓްތައް ވިއްކުން ކަމަށެވެ.

"އެމްޑީޕީ ދެ ވެރިކަމުގައި ވެސް ކުރި ކަމަކީ ދައުލަތުން، އެހެން ސަރުކާރުތަކުން އުފައްދާފައިހުރި އެސެޓްތައް ވިއްކުން. އެހެންވެގެން ރައީސް ނަޝީދު އެހާ ފަރިތަކަމާއެކު އެ ވިދާޅުވަނީ މަންމަގެ އުނަގަނޑުގެ އޮތް ފައްޓަރުބައި ވިއްކާލާ ވާހަކަ." ޔާމީން ވިދާޅުވިއެވެ.

Ads by Ooredoo