ޚަބަރު

1،200 މީހުން ކުރިމަތިލި ނެޝަނަލް ސާވިސްއިން ފުރަތަމަ ބުރުން ޖާގަ ދެނީ 350 މީހުންނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން 350 މީހުންނަށް ޖާގަ ދޭނެކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

Ads by MPL

ޒިންމާދާރު އަދި ދުޅަހެޔޮ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ކުރިމަތިލާން މިދިޔަ އޭޕްރީލް މަހު ހުޅުވާލައި، އެ މުއްދަތު މިދިޔަ މަހުގެ ކުރީކޮޅު ހަމަވިއިރު 1،200 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ.

މި ޕްރޮގްރާމަށް މީހުން ހޮވުމުގެ މަސައްކަތް މިހާރު ދަނީ އިތުރު ސަރަހައްދުތަކަށް ފުޅާކުރަމުންނެވެ. މިގޮތުން އިންޓަވިއު އަދި މެޑިކަލް އާއި ފިޓްނެސް ޓެސްޓުތައް މިވަގުތު ކުރިއަށްދަނީ ށ. ފުނަދޫ، ނ. މަނަދޫ އަދި ތ. ވޭމަންޑޫގަ އެވެ.

މި ޕްރޮގްރާމަށް ކުރިމަތިލެވެނީ 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ނަމަވެސް 18 އަހަރުން ދަށުގެ ކުދިންނަށް ފޯމު ހުށަހެޅޭނީ ބެލެނިވެރިޔާގެ ހުއްދައާ އެކުގަ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ކޮންމެ ބައިވެރިއަކަށް 6،000 ރުފިޔާގެ އެލަވަންސެއް ދޭން ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ.

މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ސިފައިންގެ އާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އަޅާ މުހިންމު ފިޔަވަޅެކެވެ. ރައީސް ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުންނާއި، ފުލުހުންގެ ޚިދުމަތަށް އިތުރު 1،000 މީހުން ނެގުމަށް ރޭވިފައިވާ ކަމަށް ހާމަކުރައްވާފަ އެވެ.