ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކުރަން އެމްއެމްއޭއިން ނިންމައިފި

އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ %10 ބޮޑުކުރުމަށް ނިންމައިފި އެވެ.
އެމްއެމްއޭއިން ބުނީ މި ހަފްތާއިން ފެށިގެން މި ބަދަލު ގެންނަން ނިންމިއިރު، މި ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު %40 އަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް ވަނީ މަތިކޮށްފަ އެވެ. ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30 އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުންކަމުގައި އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދެވޭ 30 އިންސައްތަ ބޭނުންކުރަނީ ވަކި ކަންކަމެއްގަ އެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެ އެވެ.
ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ %30 ގައި ކަމަށް އެމްއެމްއޭއިން ހާމަކުރި ތަފާސް ހިސާބުތަކުން ހާމަވެ އެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު %50 އިންސައްތައަށް ބޮޑުކުރުމެވެ.
