ޚަބަރު

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި

. ، ދެން އޮންލައިން

ރާއްޖެއަށް ކުރައްވާ ރަސްމީ ދެ ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މޯދީއަށް މަރުހަވާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މޯދީއަށް ވަނީ ބަޑީގެ ސަލާމެއް ދެއްވާފަ އެވެ. ރަސްމީކޮށް މޯދީއަށް މަރުހަނާ ދެންނެވުން އޮންނާނީ މިއަދު މެންުދުރ ޖުމްހޫރީ މައިދާނުގަ އެވެ.

ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންފައިވާއިރު، މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީވެސް މޯދީ އެވެ.

މޯދީގެ ދަތުރުފުޅުގައި ޖޮއިންޓް ޕްރޮޖެކްޓްތަކެއް އިފްތިތާހުކޮށް، އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، ރައީސް މުއިއްޒުއާ ދެބޭފުޅުން ދެމެދު މަޝްވަރާތައް ބާއްވާނެ އެވެ.

އަދި އިދިކޮޅު އެމްޑީޕީގެ ވެރިންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ އެވެ.

މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. މޯދީ މި ފަހަރު ރާއްޖެ ކުރައްވާ ދަތުރުފުޅުވެގެންދާނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިންޑިއާގައި އެންޓި ކެމްޕޭނެއްވެސް ހިންގި އެވެ.

އެކަމަކު ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވައި މޯދީއާ އެކު ރަސްމީ މަޝްވަރާތަކެއް ބޭއްވި އެވެ.

Ads by Allied Insurance