ޚަބަރު

ފަވަރައާއި އިންޑިއާގެ ޔޫޕީއައި ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް, ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ދެމެދުގަ އެވެ.

މި ސޮއި ކުރެވުނު އެއްބަސްވުމާ އެކު، ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެމްއޭން ބުންޏެވެ.

މިއާއެކު ރާއްޖެއާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާއެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ޚިދުމަތާއި، ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް ވެސް ބުންޏެވެ.

މި މަސައްކަތަކީ އެމްއެމްއޭ އިން ކުރިޔަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއް ގޮތަށް، ބައިނަލް އަގުވާމީ ނެޓްވޯކްތަކާ ގުޅާލަން ރާވާފައިވާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

އެމްއެމްއޭން ބުނި ގޮތުގައި ޚިދުމަތްތައް ތަޢާރަފް ކުރުމަށް ރޭވިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ؛

  • ފުރަތަމަ މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ އިންތިޒާމް، 2026 ވަނަ އަހަރުގެ ކުރީކޮޅު ހަމަޖެހިގެން ދާނެ
  • ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މަރޗަންޓް ޕޭމަންޓްސް) ފަސޭހަކަމާ އެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހި ވެގެންދާނެއެ

މި ހިދުމަތްތައް ތައާރަފް ކުރުމަށް ރޭވިފައި ވަނީ ދެ ގައުމުގެ ދޭތެރޭ ކުރެވޭ ފައިސާގެ މުޢާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ގޮތަށެވެ.

އެންއައިޕީއެލް އިން ވަނީ ސިންގަޕޫރު، ސްރީ ލަންކާ، އަދި ނޭޕާލް ފަދަ ގައުމުތަކުގައި ވެސް ޔޫޕީއައި މެދުވެރިކޮށް މިފަދަ ޕޭމަންޓް ހިދުމަތްތައް ތައާރަފްކޮށްފަ އެވެ.

ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަގުސަދުގައި "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. މިކަ ން ތަންފީޒުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމްއެމްއޭ އިން ދަނީ ކުރަމުންނެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރުމުގެ މި މޮޑެލްއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި (ކެނެޑާ، ޖޯޑަން، އިންޑިއާ، ތައިލޭންޑް އަދި ސައުދީ އަރަބިޔާ) ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ މޮޑެލްއެކެވެ.

ދިވެހިރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭ އިން އިތުރަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގުސަދަކީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ.

މީގެ ސަބަބުން ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް މަގު ފަހިވެގެންދާނެއެވެ.

އަދި ހަމަ އެޔާއިއެކު ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެ ގައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގުވާމީ މުޢާމަލާތްތައް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ އެވެ.

މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަށް ފަސޭހަވެ، އެމްއެމްއޭ އިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މާލީ ބައިވެރިވުން އިތުރު ކުރެވި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ލިބޭ ބާރަކަށް ވެގެން ދާނެއެވެ.

 

Ads by HDC