މާލޭ ވަށާ ތޮށި މަރާމާތު ކުރަން ޖަޕާނު ސަރުކާރުން 10.5 މިލިއަން ޑޮލަރު ދެނީ

ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު އިއްޔެ ސޮއިކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. ޖަޕާން ސަރުކާރުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓާ ފޯ ފޮރިން އެފެއާޒް މިސް އިކުއިނޯ އަކިކޯ އެވެ.
މި މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ދެއްވުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޔޫއެސް ޑޮލަރު އަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދެއްވާފައިވާ އެހީއެކެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މާލެ ވަށައި ލާފައިވާ ތޮށީގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން އެތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން ފާހަގަކުރެއްވި އެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން ހަލީލުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި
އިއްޔެ ސޮއިކުރެއްވި "އެކްސްޗޭންޖް އޮފް ނޯޓްސް" އަކީ މި މުހިއްމު މަޝްރޫއު ކުރިޔަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމުގައި ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކާގައި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމު ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެކަން ފާހަގަކުރެއްވި އެވެ.
އަދި ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަޙައްދަކަށް ރާއްޖެއިން ތާއީކުރާކަން ތަކުރާރު ކުރެއްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވި އެވެ.
