ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި

ރާއްޖޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ޖަސްޓިސް ބިލްޑިން އެނެކްސްގައި ގާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުމެވެ.
ހުޅުމާލޭގައި ތަރައްގީކުރި ޖަސްޓިސް ބިލްޑިން އެނެކްސްއަކީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެކެވެ. މި 2 ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގަ އެވެ.
ރައީސް މިއަދު ހުޅުވައިދެއްވި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށުމުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށްވެ އެވެ.
މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ހާއްސަ 5 ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެ އެވެ. އަދި ފަނޑިޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރުއޫގެ ދަށުން ތަރައްގީކުރި އައު އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެ އެވެ.
ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. އަދި މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާ، މި އަހަރުގެ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެކަމުގައި ވިދާޅުވި އެވެ. މިކަމުގެ ސަބަބުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެކަމަށާއި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ފެބުރުއަރީ 6 ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާގެ ފަރާތުން ރައީސަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އަދި ޖަސްޓިސް ބިލްޑިން އެނެކްސްގައި ގައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް މިރަސްމިއްޔާތުގައި އޮތެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.
