ސްކޮލަޝިޕްތަކަށް 344 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ސަރުކާރުން ދޭ ސްކޮލަޝިޕްތަކަށް މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 344 މިލިއަން ރުފިޔާ ހަަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 93 ސްކޮލާޝިޕް ސްކީމެއް ވަނީ އިއުލާންކޮށްފަ އެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ 10 އަކާއި ހަމައަށް ޖުމްލަ 36 ސްކޮލާޝިޕް ސްކީމެއް އިއުލާންކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްކޮލަޝިޕްގެ އެކި ސްކީމްތަކުގެ ދަށުން، މިހާތަނަށް ޖުމްލަ 305 ދަރިވަރުން މަތީ ތައުލީމު ހާސިލުކޮށްފައިވާއިރު، 131 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. އަދި މި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 45 ދަރިވަރުން ވަނީ އެކި ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ކިޔެވުން ފަށާފަ އެވެ.
އެ ދަރިވަރުންގެ ތެރޭގައި 34 އަންހެންކުދިންނާއި 11 ފިރހެންކުދިން ހިމެނެ އެވެ. މި ވަގުތު ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން، ޖުމްލަ 607 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަމުންނެވެ. އެ ދަރިވަރުންގެ ތެރޭގައި، 387 އަންހެން ދަރިވަރުންނާއި، 220 ފިރިހެން ދަރިވަރުން ހިމެނެ އެވެ.
ސްކޮލަޝިޕްގެ އެކި ސްކީމްތަކުގެ ދަށުން، މިހާތަނަށް ޖުމްލަ 268 ދަރިވަރުން މަތީ ތައުލީމު ހާސިލުކޮށްފައިވާއިރު، 357 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
ރާއްޖެ ހިމެނެހެން 27 ގައުމަކުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް މި އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 95,303,176.59 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
