އަސްކޮއި ގްރޫޕު ޖޫރިމަނާކޮށް އުމްރާއަށް ގެންދިޔުމުގެ ހުއްދަ ހިފަހައްޓައިފި

ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ގްރޫޕެއް ކަމަށްވާ އަސްކޮއި ޓްރެވެްލ ސާވީސް ލިމިޓެޑްއިން ފައިސާ ނެގުމަށް ފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލާގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި ކުންފުންޏާ މެދު ފިޔަވަޅު އަޅަން އިސްލާމިން މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ ރޯދަ މަހު އުމްރާ އަށް ގެންދާން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އަސްކޮއި ގްރޫޕުން މީހުންނަށް ލަނޑުދިން މައްސަލައެއް ފެންމަތިވި އެވެ.
މީގެ ކުރިން އެފަދަ މައްސަލައެއް ދިމާވެ މިދިޔަ އަހަރުގެ މޭ މަހު އަސްކޮއި 130,000 ރުފިޔާއިން ޖޫރިމަނާވެސް ކުރި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ އަސްކޮއި ގްރޫޕުން ހިލާފުވެފައިވާތީ އެ ކުންފުނި ޖޫރިމަނާކުރަން ނިންމައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެ ފިޔަވަޅުތަކަކީ:
- ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އަސްކޮއި ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- އަސްކޮއި ކުންފުނި ޖޫރިމަނާ ކުރުން
- އަސްކޮއި ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނުދިނުން
- މި ޖުލައި މަހުގެ އުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑު އެ މީހުންނަށް އަނބުރާ ހަވާލުކުރުމަށް އެންގުން
- އަސްކޮއި ގްރޫޕުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން
މިނިސްޓްރީން ބުނީ ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރަމުންދާނެ ކަަމަށެވެ.
