ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ބަލަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ކުރިއަށް ދިޔަ ޑްރޯން ޝޯގައި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ޑްރޯން ޝޯ ކުރިއަށް ދިޔައިރު ގިނަަ އަދަދެއްގެ ޑްރޯން ވަނީ ސިގްނަލް ގެއްލި މޫދަށާއި ބިންމައްޗަށް ވެއްޓިފަ އެވެ. އަދި ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.
އެހެންވެ މިދިޔަ ހޯމަ ދުވަހު އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އޮތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޝަރީފް ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން ޑްރޯން ޝޯގެ ރިހާސަލް ކުރިއަށް ދިޔައިރު ޑްރޯންތަައް ވެއްޓުމުގެ މައްސަލައެއް ދިމައެއް ނުވެއެވެ.
އެހެން ނަަމަވެސް ޝޯ ބޭއްވި ރޭ ޑްރޯންތައް ވެއްޓުނު އިރު އެއާޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ އެހެނިހެން މުވައްޒަފުންނަށް ވެސް ސިގްނަލް އާއި ނެޓްވޯކް ގެއްލުމުގެ މައްސަލަ ކުރިމަތިވިކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެކަން ހިނގައިދިޔަ ގޮތް ސީދާ ނޭނގޭތީ އެކަން ތަހުގީގުކޮށް ދިނުމަށް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި އެމްއޭސީއެލް ޒިންމާވާން ޖެހިއްޖެނަމަ މާލީ ގޮތުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވެސް ވާނެ އެވެ
