ޚަބަރު

އެފްއައިޔޫގެ ވެރިޔާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއެމްއޭ ހިންގާ އިމާރާތް / ފޮޓޯ: ދެން އިމޭޖްސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް މިއަދު ބަދަލުކޮށްފި އެވެ.

Ads by STELCO

އެމްއެމްއޭއިން ބުނީ އަޝްރަފްގެ ބަދަލުގައި އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އިސްމާއިލު ސާޖިދު އައްޔަނުކޮށްފައިވާ ކަމަށެވެ.

އަދި އަޝްރަފް ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމަށް އައްޔަނުކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެފްއައިޔޫގެ ވެރިޔާ ބަދަލުކުރި ސަބަބެއް އެމްއެމްއޭއިން ހާމައެއް ނުކުރެ އެވެ.

އެހެން ނަމަވެސް އެ ބަދަލު ގެނައީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވަނިކޮށެވެ.

އެކަމަކު އެ ރިޕޯޓުގެ ސައްހަ ކަމާ ގުޅޭ ގޮތުން އެމްއެމްއޭއިން ވަކި އެއްޗެއް އަދި ނުބުނެ އެވެ.