ޚަބަރު

އުއްތަމަ ފަނޑިޔާރުކަމަށް ގަނީ އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރާ ގަނީ

އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު އައްޔަންކުރަން ރައީސް ޑރ، މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

Ads by MPL

އުއްތަމަ ފަނޑިޔާރުކަމަށް ގަނީ އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ ތަޅުމުގައި ވަނީ އިއްވާފަ އެވެ. އެއަށް ފަހު ސިޓީ އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.

ގަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2018 ވަނަ އަހަރު ތެރޭގަ އެވެ. އެއީ އޭރުގެ މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އެ ކޯޓުން ހުސްވި ޖާގައަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ގަނީ ހުންނެވީ މަދު ދުވަސްކޮޅަކު އެވެ. ޑިސެމްބަރު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ގަނީ ވަކިކުރީ އެވެ.

އޭގެ ކުރިން 2000 އިން 2004 އަށް ގަނީ ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި އެވެ. 2004އިން 2018ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ދެން ހުންނެވީ ހައި ކޯޓުގަ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން ވެސް އޭނާ ކުރެއްވި އެވެ.

ގަނީ މި ވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގަ އެވެ. އެ ޓްރައިބިއުނަލްގެ މެންބަރަކަށް އޭނާ އައްޔަންކުރީ، މި ސަރުކާރު އައި ފަހުން މިދިޔަ އަހަރުގަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވާތީ ސުޕްރީމް ކޯޓުގެ ހިންގުން ހިމެނޭ ގޮތަށް އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލުކޮށްފައި އޮތީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.

ގަނީ ވާނީ ފެހި ގާނޫނު އަސާސީގެ ފަހުން އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވާ ފަސް ވަނަ ފަރާތަށެވެ.

ކުރިން އެ މަގާމު ފުރުއްވީ މުއުތަސިމްގެ އިތުރުން އަހުމަދު އަބްދުﷲ ދީދީ، އަބްދުﷲ ސައީދު އަދި އަހުމަދު ފާއިޒު ހުސައިނެވެ.

Ads by HDC