ޚަބަރު

ގަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަނުކުރަން ކޮމިޓީން ރުހުން ދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަބްެދުއް ގަނީ މުހައްމަދު--

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Ads by STELCO

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ގަނީ އައްޔަންކުރަން ރައީސް ޑރ، މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިއަދު އެވެ.

އެއާއެކު މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ގަނީއަށް ރުހުން ދީފަ އެވެ.

ބެލެވޭ ގޮތުން މާދަމާ މަޖިލީހުގެ ތަޅުމުގައި ވޯޓެއް ނަގައި ގަނީއަށް މަޖިލީހުން ރުހުން ދޭނެ އެވެ.

ގަނީ އެންމެ ފުރަތަަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2018 ވަނަ އަހަރު ތެރޭގަ އެވެ. އެއީ އޭރުގެ މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އެ ކޯޓުން ހުސްވި ޖާގައަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ގަނީ ހުންނެވީ މަދު ދުވަސްކޮޅަކު އެވެ. ޑިސެމްބަރު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ގަނީ ވަކިކުރީ އެވެ.

އޭގެ ކުރިން 2000 އިން 2004 އަށް ގަނީ ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި އެވެ. 2004އިން 2018ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ދެން ހުންނެވީ ހައި ކޯޓުގަ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން ވެސް އޭނާ ކުރެއްވި އެވެ.

ގަނީ މި ވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގަ އެވެ. އެ ޓްރައިބިއުނަލްގެ މެންބަރަކަށް އޭނާ އައްޔަންކުރީ، މި ސަރުކާރު އައި ފަހުން މިދިޔަ އަހަރުގަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވާތީ ސުޕްރީމް ކޯޓުގެ ހިންގުން ހިމެނޭ ގޮތަށް އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލުކޮށްފައި އޮތީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.

Ads by Ooredoo