ޚަބަރު

ކައުންސިލް ބިލަށް ހިޔާލު ދޭން ހުޅުވާލީ 12 ގަޑިއިރަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ ގުޅިގެން އުފެއްދި ޖޮއިންޓް ކޮމިޓީގެ ބައްދަލުވުން

ލޯކަލް ކައުންސިލްތަކުގެ ފަހު އަހަރު އާ މާލީ މުއާމަލާތެއް ނުކުރެވޭ ގޮތަށް އަދި ކައުންސިލްތަކުން ވިޔަފާރިކުރުން ވެސް ހިފެހެއްޓުމަށް ހުށަހަޅާފައިވާ ބިލަށް އާންމުންގެ ޚިޔާލަށް މިއަދު ހުޅުވާލައިފި އެވެ.

Ads by MPL

އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ވެސް އަމާޒުވެފައިވާ ބިލު މަޖިލީހަށް ހުށަހެޅީ މިއަދެވެ. މިއަދު ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސް ކުރުމަށް ފަހު، މިއަދު ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

މަޖިލީހުން މިރޭ ނެރުނު އިއުލާނުގައިވާ ގޮތުން ބިލަށް ހިޔާލު ހުށަހެޅޭނީ މާދަމާ މެންދުރުފަހު 1 ގެ ނިޔަލަށެވެ.

އެންމެ 12 ގަޑިއިރެއްހާ ވަގުތު ހިޔާލު ހުށަހަޅަން ހުޅުވާލުމުން ވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ފިނޭންސް މިިނިސްޓްރީއާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައަޅާ އުސޫލާ އެއް ގޮތަށް ނޫން ގޮތަކަށް މާލީ ބައެއް ކަންކަން ނުކުރެވޭނެ ކަމަށެވެ.

ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނެގުން ނުވަތަ ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. ކައުންސިލްގެ އިހުތިސޯސްތަކުގައި ހުންނަ ފަޅު ފަޅާއި ބިމާއި ފަރުތައް ވެސް ކުއްޔަށް ނުދެވޭނެ އެވެ.

އޭގެ އިތުރުން ކައުންސިލްގެ ފަހު އަހަރު ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައި ނުވާ ތަރައްގީގެ އާ މަޝްރޫއުތައް ވެސް ނުފެށޭނެ އެވެ.

ބިލުގައި ވަނީ ލޯކަލް ކައުންސިލްތަކުން އުފައްދަ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި ވެސް ހަނި ކުރެވޭ ގޮތަށް ހުށަހަޅައިފަ އެވެ.

އެގޮތުން އަމިއްލަ ފަރާތަކުން އެ ރަށެެއްގައި ކުރާ ވިޔަފާރި މަސައްކަތެެެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވޭނެ އެވެ. އޭގެ އިތުރުން އެފަދަ މަސައްކަތެއްގެ އިންވެސްޓްމަންޓް 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިފަދަ އިސްލާހެއް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިރު، މިހާރު ހިނގަމުން ދަނީ ލޯކަލް ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރެވެ. އަންނަ އަހަރު އޭޕްރީލްގައި ކައުންސިލްތަކުގެ އިންތިހާބު އޮންނާނެ އެވެ. މެއި މަހު ދައުރު ހަމަވެ އެވެ.

މި ވަގުތު ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ވެސް އޮވެ އެވެ. މާލެ ސިޓީ ކައުންސިލް ފިޔަވައި އެހެން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީ އަށެވެ. މާލެ ސިޓީ ކައުންސިލްގެ ވެސް މޭޔަރަކީ އެމްޑީޕީގެ ބޭފުޅެކެވެ.

Ads by Ooredoo