އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތަކުގެ އިތުރު ބޮޑެތި ބާރުތައް ދޭނަން: ފައްޔާޒް

ކައުންސިލްތަކުގެ ބާރުތައް މި ސަރުކާރުން ހަނިކުރިޔަސް އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރުތައް އަލުން ރުޖޫއަކޮށް އިތުރު ގިނަ ބާރުތަކެއް ދޭނޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ ފަހު އަހަރު މާލީ އާ މުއާމަލާތެއް ނުކުރެވޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެކަމަށް އިޝާރާތްކޮށް މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ އެ ބިލު ދެ ދުވަސް ތެރޭގައި ފާސްކޮށް ނިންމާލީ 56 ކައުންސިލްއަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ކަމަށެވެ.
އަދި އަވަސް އަރުވާލައިގެން ބިލޔު ފާސްކޮށް ނިންމީ ރައީސް ޑރ، މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އެހެން ނަމަވެސް ގައުމުގެ ހައްގުގައި ކަމަށް ވިދާޅުވެ ބިލު ތަސްދީގުނުކުރައްވައި އެކަމާ މެދު އަލުން ވިސްނެވުމަށް ފައްޔާޒް ގޮވާލެއްވި އެވެ.
"އިރާދަފުޅު ކުރެއްވިއްޔާމު ކުރިއަށް އޮތްތާއި އުފެދިގެން އަންނާނީ އެމްޑީޕީގެ ވެރިކަމެއް. ހަމަ މިހާރު އެ އޮތް ގޮތަށް ބަދަލުކޮށް އިހުނަށް ވުރެ ބޮޑެތި ގިނަ ބާރުތައް ރަށްތަކަށް ދޭނެ ކަމުގެ ޔަގީންކަން އަރުވަން،" އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވާފައިވާ ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ 40 އަކަށް ކައުންސިލުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި ސަރުކާރުގެ އެންމެ މިނިސްޓްރީއަކަށް ވެސް އެއިން ކައުންސިލްއަކާ ގާތަށް ވެސް ކަންކަން ނުކުރެވޭ ކަމަށެވެ.
އަދި ކައުންސިލްތަކުގެ މާލީ މުއާމަލާތްތައް ހަނިކުރާ ބިލު ފާސްކުރީ ސަރުކާރަށް ތަރައްގީގެ މަސައްކަތް ނުކުރެވޭ އިރު ކައުންސިލްތަކުން އެކަންކުރާތީ ހުއްޓުވަންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.