ލޯބިން: މޮޅު ފިލްމެއް، އަންހެނުންގެ ވާހަކަ އިއްލެއަށް ހަމަ “ލަކީ”

ސުރުހީއިން ފަހަރުގައި ކިޔުންތެރިންނަށް މައުޟޫއު ފަހުމު ނުވެދާނެ އެވެ. އެކަމަކު ކުޑަ އިރުކޮޅަކު މި ލިޔުން ކިޔައިލާށެވެ. ފަހުމު ވާނެ އެވެ. 2019 ވަނަ އަހަރު “ބަވަތި” އޮލިމްޕަހުގައި އަޅުވަމުން ދިވެހި ފިލްމީ އުދަރެހަށް އިލިޔާސް ވަހީދުގެ ނަމުގައި އަލިގަދަ ތަރިއެއް އިތުރުވި އެވެ. އޭނާގެ ފުރަތަމަ ފިލްމަކީވެސް އެހާމެ ކާމިޔާބު “ބްލޮކްބަސްޓާ” އެކެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ އިއްލެގެ “ބަވަތި” ގެ ވާހަކައެއް ނޫނެވެ.
މިދިޔަ ބުދަ ދުވަހު އޮލިމްޕަސް ސިނަމާގައި “ލޯބިން...؟” ގެ ނަމުގައި މުޅިން އާ ފިލްމެއް އިއްލެ ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. ފިލްމުގައި މާ ވަރުގަދަ ސްޓާ ޕަވާއެއް ނެތެވެ. ލީޑު ރޯލުން ފެންނަނީ ތާތި އާދަމް، އަހުމަދު އިފްނާޒުގެ އިތުރުން އަހުމަދު ޝާރިފް އެވެ. މި ފިލްމުގެ ޕްރޮމޯޝަނަލް ވީޑީއޯތަކަށް ލައްކައިން ނުވަތަ މިލިއަނުން ވިއުޒް ނުލިބުނަސް ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރުތަކުން ސަމާލުކަން ދަމައިގަތެވެ.
ފިލްމު ސިނަމާއާއި ހަމައަށް އައުމާއެކު ސޯޝަލް މީޑިއާ ފުރައިލީ ތައުރީފުގެ ބަސްތަކުންނެވެ. ފިލްމުގެ ކުރު ތައާރަފެއް ފުރަތަމަ ދޭނަމެވެ.
މިއީ އަންހެނެއްގެ ދިރިއުޅުމުގެ ވާހަކަ އިއްލެ ކިޔައިދިން ފިލްމެކެވެ. ކަން ދިމާކުރާ ގޮތުން ހަށި ވިއްކަން މަޖުބޫރުވެފައިވާ އަންހެނެއްގެ ވާހަކަ އެވެ. ނުބައި ފިރިއެއްގެ އަތް ދަށުވެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހޭ އަންހެނެއްގެ ވާހަކަ އެވެ. އެކަމަކު ފިލްމުގެ ވާހަކަ މިހާ ސިމްޕަލްއެއް ނޫނެވެ. އިއްލެގެ ޓްވިސްޓުތައް މާ މޮޅެވެ. އިއްލެގެ ގަލަން މާ ޖާދުވީ އެވެ. އެވާހަކަ ދެއްކެން ނެތީ ފިލްމު ނުބަލާ މީހުންނަށް ސްޕޮއިލް ވެލާތީ އެވެ.
ދެން ސުރުހީއަށް ޖެހިލާނަމެވެ. މިހާތަނަށް އިއްލެ ގެނަސްދިން އެންމެ ކާމިޔާބު ފިލްމަކީ 2023 ވަނަ އަހަރު އެޅުވި “ނީނާ” އެވެ. އެފިލްމު ބިނާކޮށްފައިވަނީ އަންހެނެއްގެ މައްޗަށެވެ. ދެވަނައަށް އެންމެ ކާމިޔާބު ފިލްމަކީ “ބަވަތި” އެވެ. އެއީވެސް އަންހެނަކަށް ދިމާވާ ނަފްސާނީ ކަންތައްތަކެއް ގެނަސްދިން ފިލްމެކެވެ. “ލޯބިން” އަކީވެސް ހަމަ މިފަދަ ފިލްމެކެވެ. އަންހެނުންގެ ވާހަކަ އިއްލެ ގެނަސްދޭ ގޮތް ހަމަ މޮޅީ އެވެ. ފިލްމީ އުދަރެހުގައި އިއްލެގެ ތަރި ގަދައަށް ދިއްލޭ ކޮންމެ ފަހަރަކީ އަންހެނެއްގެ ވާހަކަ އޭނާ ކިޔައިދޭ ފަހަރެކެވެ.
“ލޯބިން” ގެ ވާހަކަ އެންމެންވެސް ދައްކަނީ އެއް ގޮތަކަށެވެ. ފިލްމުގެ ވާހަކައިގެ އަސަރުގަދަ ކަމާއި މޮޅުކަމެވެ. ހާއްސަކޮށް މައިގަނޑު މައްސަލައިގެ މާ ދުރުން އިއްލެ ވާހަކަ ބުނެދޭން މަސައްކަތް ނުކޮށް ސީދާ މައްސަލައަށް އެޑްރެސް ކުރުމުން ބެލުންތެރިންނަށް އެކަން ވަރަށް ކަމުދިޔަ އެވެ.
ތާތިގެ ވާހަކަ އެންމެން ދައްކަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހަގީގަތުގައި ޓިކެޓަށް ހަރަދުކުރާ ލާރި ތާތިގެ އެކްޓިންއިން އެކަނިވެސް ހަމަކޮށްފި އެވެ. އެންމެ ސީންއެއް އެންމެ ޝޮޓެއްގައިވެސް ސިތާރާ ނޫން މީހަކު ނުފެނެ އެވެ. ވަރަށް ޕޮލިޝްޑް ވަރަށް ބެލެންސްޑް އެކްޓިންއެކެވެ. ރާއްޖޭގައި އެންމެ ނަން ހިނގާ އެކްޓަރުންނަށް ނުދެއްކޭ ވަރުގެ ޕާފޯމެންސެއް ތާތި މި ފިލްމުގައި ދެއްކި އެވެ.
ގިނައިން ނެގެޓިވް ރޯލުތަކުން ފެންނަ ޝާރިފް މިފަހަރުވެސް ބެލުންތެރިން އާޝޯހު ކޮށްލި އެވެ. ފިލްމު ބަލަމުން ދިޔައިރު ޝާރިފްދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. އޭނާ މި ރޯލު ދައްކަުވައިދިނީ އެހާވެސް ފުރިހަމައަށެވެ. އަނެއްކޮޅުން އިފްނާޒުގެ އެކްޓިންވެސް ވަރަށް ފުރިހަމައަށް ވަނީ ދައްކުވައިދީފަ އެވެ.
ބެލުންތެރިންނަށް ފިލްމު ކަމުދިޔުމުގެ ފަހަތުގައި ސަމާހު އިބްރާހިމްގެ ލެންސްވެސް މޮޅީއެވެ. ފިލްމުގެ ކޮންމެ ސީންއެއް މޫޑުން ބޭރުވިޔަ ނުދީ ހިފެހެއްޓީ ސަމާހު އެވެ. އޭނާގެ ފިލްމީ ކެރިއަރުގައި “ލޯބިން” މިއީ މޮޅު މަސައްކަތެކެވެ.
ފިލްމުގައި ބޭކާރު ޑްރާމާއެއް ނެތެވެ. މީހުން ރޮއްވާން ނޫނީ ހެއްވާންށޭ ކިޔާފައި އިއްލެ ގަދަ ދައްކަން ސީންތަކެއް ލައިފައެއް ނެތެވެ. ފިލްމުގެ 123 މިނެޓުގައިވެސް އޮތީ މުޅިންވެސް މުހިންމު މަންޒަރުތަކެވެ. ހަގީގަތަށް ބުނާނަމަ ފިލްމުގެ ޓްރެއިލާއެއް އައި އެއްވެސް ޕޯސްޓަރެއްވެސް މުޅި ފިލްމަކަށް ޖަސްޓިސްއެއް ނުދެ އެވެ. މިއީ ކޮންމެ މީހަކުވެސް، ހާއްސަކޮށް ކޮންމެ އަންހެނަކު ބަލައިލުން މުހިންމު ފިލްމެކެވެ. ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން އެކުގައި ގޮސް ބަލައިލަންވެސް މިއީ މުހިންމު ފިލްމެކެވެ. ބެލުންތެރިންނަށް އިއްލެ ދިން އިޖުތިމާއީ މެސެޖު ވަރަށް ބޮޑެވެ.
މި ފިލްމަކީ މި އަހަރު އަޅުވާނެ އެންމެ މޮޅު އެއް ފިލްމަށް ވާނެކަން ކަށަވަރެވެ. ފިލްމު މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަންމުން ދާއިރު ފުރަތަމަ ދެ ޝޯވ ދިޔައީ ފުލްކޮށެވެ.
