ޚަބަރު

ޒަކިއްޔާގެ މަރު: ފުލުހުންގެ އިހުމާލު އޮތް ކަމަށް ބެލެވޭތީ ޕީޖީން މަޝްވަރާ ކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހޮޅުދޫގައި މީގެކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން / ފޮޓޯ:އަރީޝާ

މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބެލެވިއްޖެ އެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެ ގޮތަށް ގަބޫލު ކުރެވޭތީ އެ ކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ހިއްސާކޮށްފައިވާ ކަން އެ އޮފީހުން ކަށަވަރުކޮށްދީފަ އެވެ.

އެ އޮފީހުން ބުނި ގޮތުގައި އެންއައިސީން ހިންގި ތަހުގީގުގެ ޑިއުޓީ ޕްރޮސެކިއުޝަން ކުރިއަށް އެބަ ގެންދެ އެވެ.

ހޮޅުދޫ ރައްޔިތުން ބުނާ ގޮތުން ނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އެކަމުގައި ޒަކިއްޔާ އާ ގުޅުންހުރި ބައެއް މީހުން ހިމެނޭ ކަމަށް ބުނެ ތުހުމަތުތަކެއް ވެސް ކުރެ އެވެ. އެ ކަންބޮޑުވުންތައް ހިފައިގެން ރަށު ރައްޔިތުން މިފަހުން ރަށުގެ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލު އިދާރާ ސަރަހައްދަށް އެއްވެ ސިލްސިލާކޮށް އިހުތިޖާޖުތަކެއް ވެސް ވަނީ ކޮށްފަ އެވެ. އާންމުން ގޮވާލަމުން ދަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށެވެ.

ފުލުހުންނަށް ވެސް އެކި ތުހުމަތާއި ފާޑުކިއުން އަމާޒުވެފައިވާ މި މައްސަލާގައި ފުލުހުން ބުނެފައިވަނީ ބޮޑަށް ބެލެވެނީ ޒަކިއްޔާ އަމިއްލައަށް މަރުވެފައިވާ ކަމަށެވެ.