ޚަބަރު

މީރާއަށް ވަކި އިމާރާތްތައް ހޯދައި ދޭނަން: ފިނޭންސް މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކެބިނެޓުގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު / ފޮޓޯ:ރައީސް އޮފީސް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިންގަން ވަކި އިމާރާތެއް ހޯއްދަވައިދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ މީރާގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާއި "ރަންފަނަރަ" އެވޯޑު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މީރާއަކީ ދައުލަތުގެ އާމްދަނީ އެއްކުރުމުގެ އެންމެ މުހިންމު އެއް މުއައްސަސާކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ މި ސަރުކާރުން މީރާގެ މެންޑޭޓް އިތުރަށް ހަރުދަނާކޮށް، އެ މުއައްސަސާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެގޮތުން، އެންމެ އިސްކަމެއްގެ ގޮތުގައި މީރާގެ އޮފީސް ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، މީރާއަށް އެކަށީގެންވާ ވަކި ޢިމާރާތެއް ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވި އިރު މީރާ މިހާރު ހިންގަމުން ދަނީ ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގަ އެވެ.

މީރާގެ އިދާރީ ގާބިލުކަމާއި މުސްތަގިއްލުކަން އިތުރުކުރުމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް ވަރަށް އަވަހަށް ގެނެވޭނެކަމަށާއި، މީރާގެ މުވައްޒަފުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި ޢިނާޔަތްތައް އިންސާފުވެރި އަދި ރަނގަޅު ފެންވަރެއްގައި ހުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާ، މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ 'ދިވެހިރާއްޖެ 2.0' ސިޔާސަތާއި މީރާއިން އެކުލަވާލަމުންދާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕްއަކީ ހިދުމަތުގެ ފެންވަރު މަތިކޮށް، ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި މަސައްކަތުގައި މާލީ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

Ads by Allied Insurance