ފުޅަދޫގެ އިހުތިސޯސްގައި އިންނަފުށި ހިމަނާނަން: ރައީސް

ބ. ފުޅަދޫގެ އިހުތިސޯސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ އިންނަފުށި ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފުޅަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ފެހެންދޫގެ ތަރައްގީގައި މިހާރު އެންމެ އިސް ދައުރެއް އަދާކުރަނީ ޓޫރިޒަމް ދާއިރާ ކަމަށެވެ.
އެހެންވެ ސަރުކާރުގެ ސިޔާސަތަކީ ވެސް ޓޫރިޒަމް ފުޅާކުރަން ފަސޭހަތައް ފޯރުކޮށްދިނުންކަން ރައީސް ފާހަގަކުރައްވި އެވެ.
ރައީސް ވިދާޅުވީ ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި އެއްވެސް ވަރަކަށް ނުބެލެހެއްޓޭ ކަމަށެވެ.
އަދި އެ ރަށް ބަލަަހައްޓައި އެ ރަށުން އާމްދަނީ ލިބޭނެ ގޮތް ހަދަން ފުޅަދޫ ކައުންސިލްއިން ވެސް އަދި ފުޅަދޫގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ރަނގަޅު މެނޭޖްމަންޓް ޕްލޭނެއް ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ހެދި އެ ޕްލޭނާއެއްގޮތްވާ ގޮތުގެ މަތިން ރަނގަޅު ޕްލޭނަކާ އެކީގައި އިންނަފުށި މި ރަށު ކައުންސިލްއާ ހަވާލުކުރާނަން" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން ދާދި އަވަހަށް ކޮށްދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ފުޅަދޫގައި އާ މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފުޅަދޫގެ ރައްޔިތުން ބޭނުންވާ އަމާޒަށް އެ ރަށުގެ ތަރައްގީ ގެންގޮސްދިނުން ކަމަށެވެ.
