ޚަބަރު

މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށަނީ

. ، ދެން އޮންލައިން

މި އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

Ads by MPL

މިފްކޯއިން މިކަން ހާމަ ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފުވައްމުލަށް ސިޓީގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާނެ ކަމަށާ އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަށް ސިޓި އިން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ހާމަކުރެ އެވެ.

މީގެ އިތުރަށް ފުވައްމުލަކުގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށް މިފްކޯގެ ސީއީއޯ ފަރުހަތު ވިދާޅުވި އެވެ.

ފުވައްމުލަކުގައި ގާއިމް ކުރަ މަސް ޕްރޮސެސްކުރާ މަރުކަޒު ނިމުމުން ފުވައްމުލަކުގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން ފަރުހަތު ދެއްވި އެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް އަގުއެއްނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުމެވެ. އޭގެ ނަތީޖާއަކީ މަހަށް ލިބެންވާ ހަމަ އަގު ނުލިބުމެވެ.

މަހަށް ހަމައަގު ހޯދައިދިނުމަށާއި، އަގުއެއްކޮށްގެން މަސް ބޭރުކުރުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަށްޓަކައި މަސް ޕްރޮސެސްކުރާ ތިން ކާރުހާނާއެއް ތަރައްޤީކުރުމަށް ނިންމާ އެތަންތަނުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެތަންތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ads by Ooredoo