މުލިއާގޭގައި ބޭނުންކޮށްފައިވާ ތަކެތި އަނެއްކާ ވެސް ނީލަން ކިޔަނީ

ރާއްޖޭގެ ރައީސް ކަމުގެ މަގާމު އަދާކުރައްވާ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވާ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭނުންކޮށްފައިވާ ތަކެތި އަނެއްކާވެސް ނީލަން ކިޔަން ނިންމައިފި އެވެ.
މުލިއާގޭގައި ބޭނުންކޮށްފައިވާ ބައެއް ތަކެތި މިދިޔަ އަންގާރަ ދުވަހު އޮތީ ނީލަން ކިޔައިފަ އެވެ.
އޭގެ ފަހުން މިއަދު މުލިއާގެއިން ކުރި އިއުލާނެއްގައި ބުނީ އެ ދުވަހުގެ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔަން ނިންމާފައިވާ ކަމަށެވެ،
އެގޮތުން ދެން ނީލަން ކިޔުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 09:30 ގައި މުލިއާގެ އޮފީހުގެ ރަންޖެހިކޮށީ ގޯތިތެރޭގައި ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
އަދި މުލީއާގެ ވެހިކަލް ގަރާޖު (ހަވީރީ ހިނގުން) ގައި ނީލަން ކިޔުމަށް ހަމަ ޖެހިފައިވާ ތަކެތި ހަމަ އެ ދުވަހު ހެނދުނު 11:00 ގައި ނީލަން ކިޔުން އޮންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ނީލަން ކިޔަން ނިންމާފައިވާ ތަކެތީގެ ތެރޭގައި ވޭނާއި، ޕިކަޕާއި ސައިކަލު، އޭސީ ޔުނިޓް އަދި އައިސް އަލަމާރި ފަދަ ތަކެތި ހިމެނެ އެވެ.
"ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 25 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް ރަންޖެހިކޮށްޓަށް ހާޒިރުވެ، އަދި މުލީއާގެ ވެހިކަލް ގަރާޖު (ހަވީރީ ހިނގުން)ގައި ނީލަން ކިޔުމަށް ހަމަ ޖެހިފައިވާ ތަކެތި 25 އޮގަސްޓު 2025 ގެ 11:00 ގައި ނީލަމުގައި ބައިވެރިވުން އެދެމެވެ. މިދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ކުރިޔަށް ގެންދެވޭނެއެވެ." އިއުލާނުގައި ބުނެފައި ވެއެވެ.