ތުރުކީން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށްފި

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިރޭ ބައިވެރިވެޑައިގެންނެވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަނަވަރު ހަވާލުކޮށްދެއްވީ ތުރުކީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރު ޔިލްޑިޒެވެ. އަދި ރާއްޖޭގެ ފަރާތުން އެ އުޅަނދާއި ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ.
އަދި މިރޭގެ ރަސްމިއޔާތުގައި އެ މަނަވަރު ވަނީ އެމްއެންޑީއެފްއަށް ކަމިޝަން ވެސްކޮށްފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި މޭޛާ ޖެނެރަލް ޗީފް އޮފް ޑިފެންސް ހިލްމީ ވިދާޅުވީ ތުރުކީން ހަދިޔާކުރި މަނަވަރު ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ ކަނޑު ލަޝްކަރު އެތައް ގުނައަކަށް އިތުރުކުރާނެ ބާރަކަށް ކަމަށެވެ.
އަދި އެ އުޅަނދު ވެގެންދާނީ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ބޮޑު އުޅަނދުކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މި އުޅަނދުގެ ހަތިޔާރަށާއި ފަޔާ ޕަވާއަށް ބެލިކަމުގައި ވިޔަސް މިއީ މިހާރު ކޯސްޓުގާޑުގައި ބޭނުންކުރާ އުޅަނދުތަކާ އަޅާބަލާއިރު މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރެއް" ހިލްމީ ވިދާޅުވި އެވެ.
ހިލްމީ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އިތުރަށް ބެލެހެއްޓުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކައިރި މުސްތަގުބަލަށްޓަކައި އަސްކަރީ އިތުރު އުޅަނދު އެމްއެންޑީއެފްއަށް ހޯއްދަވައިވެސްދެއްވާނެ ކަމަށެވެ.