ޚަބަރު

ކައްދޫ އެއާޕޯޓް ކައިރިން ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ލ. ކައްދޫ އެއާޕޯޓް ކައިރިން މިރޭ ކަފިހުރަސް މަތިން ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.

Ads by STELCO

އެ ހާދިސާގައި މަރުވީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ އަންހެނެކެވެ.

މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ "ދެން" އަށް ވިދާޅުވީ އެ އަންހެން މީހާ އާއިލާއާއެކު މާލެއިން ފުރައިގެން ކައްދޫއަށް އައީ މިރޭ އިރާކޮޅު ކަމަށެވެ.

އަދި މިރޭ އިޝާ ނަމާދުވާން އުޅެނިކޮށް އެއާޕޯޓުން މާވަށަށް ފުރަން ބަނދަރަށް ދާން މަގުހުރަސްކުރިތަނާ ވަރަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓް ހިނގީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސައިކަލުން ޖެހުނީ އެ މީހުން ކަފި ހުރަސްމަތީ ތިއްބައި. އެ ސައިކަލު ދުއްވާފަ ދިޔަލެއް ބާރުކަމުން އަންހެން މީހާ ވަރަށް ދުރަށް ވިއްސައިގެން ގޮސް ބޮޑެތި ގެއްލުންތައް ލިބިފައި އޮތީ"  މޫސާ ވިދާޅުވި އެވެ.

އަންހެން މީހާ ނިޔާވީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ދެމުންގޮސް އިތުރު ފަރުވާއަށް މާލެ ގެންނަން މަސައްކަތްވެސް ކުރަމުން ދަނިކޮށް މިރޭ 10:30 ވާން ކައިިރިވެފައި ވަނިކޮށެވެ.

އެ ހާދިސާގައި އަންހެން މީހާއަށް މާމަ ކިޔާ 23 އަހަރުގެ ފިރިހެން ކުއްޖަކަށް ވެސް އަނިވާއިރު ސައިކަލުގައި ތިބި ދެ މީހުންނަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.

Ads by Allied Insurance