ބޮޑުފޮޅުދޫގައި 50 ހައުސިންގް ޔުނިޓްގެ މަޝްރޫއެއްގެ ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑުފޮޅުދޫގައި ފަންސާސް ހައުސިންގް ޔުނިޓްގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށެވެ. ރަށުގެ ގެދޮރުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ނިމުމުން ގެދޮރުގެ މަސައްލަ ހައްލުވެގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ، ބޮޑުފޮޅުދޫ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. އެ މަޝްރޫއަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މަޝްރޫއުގެ އަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވި އެވެ.
ބޮޑުފޮޅުދޫގައި ގާއިމުކުރާ ހޭންޑްބޯލް ދަނޑުގެ އަމަލީ މަސައްކަތް ފެށޭކަން ފާހަގަކުރައްވައި، ރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބޭނުންކުރެވޭނެ ގޮތަކަށް މަސައްކަތް ނިންމުމަށް މަގުފަހިކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ރަށުގައި މިހާރު ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާއި ހަވާލުކުރުގެ ކަންކަން ނިންމަވައި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އެއާއިގުޅިގެން ކުރަންޖެހޭ ކަންކަން އަންނަ އަހަރު ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
