ތޮއްޑޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

އއ.ތޮއްޑޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އއ. އަތޮޅަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ތޮއްޑޫއަށް މިއަދު ވަޑައިގެން އެމަނިކުފާނު މިއަދު ވިދާޅުވީ މިހާރު ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެނދުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސިއްހީ ވުޒާރާގެ، ކަމުގެ ފަންނީ ބޭފުޅުން ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
އަދި ތޮއްޑޫ ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރަން ނިންމަވާފައިވާކަން ރައީސް އިއުލާންކުރެއްވި އެވެ.
ރައީސްގެ ދަތުުފުޅުގައި މިއަދު ވަނީ ތޮއްޑޫ ސްކޫލްގެ އުމްރާނީ ވަސީލަތް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމާއި ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން ތޮއްޑޫ ނަރުދަމާ ނިޒާމުގެ ހިދުމަތް ވެސް ރަސްމީކޮށް ފަށާފަ އެވެ.
ރައީސް ވަނީ މި މަޝްރޫއުތަކުގެ މަސައްކަތް، ވަރަށް އިސްކަންދެއްވައިގެން ހަލުވިކަމާއި އެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ތޮއްޑޫގައި ގައު އަތުރައިގެން ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ހުރިހާކަމެއް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމަވައި ދެއްވާނެ ކަމަށެވެ.
އަދި ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
