ފުވައްމުލަކުގައި އާލީ ވޯނިން ސިސްޓަމްއެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލައި ރައްކާތެރިވެ، އެފަދަ ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުންތައްކަށް ތައްޔާރުވުމަށް ފުވައްމުލަކުގައި އާލީ ވޯނީ ސިސްޓަމްއެއް ފުވައްމުލަކު ސިޓީގައި ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.
މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގައި، ހޯމް މިނިސްޓްރީގެ ޑީމެޑް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ އާލީ ވޯނިން ސިސްޓަމް ބެހެއްޓުމަށްޓަކައި ފުވައްމުލަކުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުއެވެ.
މިއަދު އިފްތިތާހު ކުރީ އެ ޕައިލެޓް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވައްސެވެ. އެ ފިޔަވަހީގެ ދަށުން ކާރިސާގެ ރިސްކް، ވަގުތުން އަންދާޒާކުރެވި، ރަށު ފެންވަރުގައި ގުދުރަތީ ކާރިސާއެއްގެ ސަބަބުން ނާޒުކު ހާލަތަކަށް ވެއްޓިދާނެ ފަރާތްތައް ފާހަގަކޮށް، އެފަދަ ކާރިސާތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕްރޮޓޮކޯލްއެއް އެކުލެވިގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
މި ޕައިލެޓް ޕްރޮޖެކްޓްގެ ތެރެއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ތިންކްލެބް އިން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ "މޮބިލައިޒް" ޕްލެޓްފޯމްގައި ފުވައްމުލަކު ސިޓީގެ ހާއްސަ ޖިއޯގަރަފިކް ސިފަތައް ހިމަނައި، ސެޓެލައިޓް މެދުވެރިކޮށް އަދި، މެޓް އޮފީހާއި އެހެނިހެން ގޮތުން ގާއިމު ކޮށްފައިވާ އައިއޯޓީ ޑިވައިސްތަކުން ލިބޭ މޫސުމީ ޑޭޓާއަށް ބިނާކޮށް އެ ސިޓީއަށް ލިބިދާނެ ގެއްލުން އަންދާޒާ ކުރެވޭނެއެވެ.
އަދި އެ ނިޒާމު މެދުވެރިކޮށް ސިޓީ ކައުންސިލާއި މެޓް އޮފީހާއި ގުޅިގެން އިންޒާރުގެ މެސެޖްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިޓީގެ ކަމާއިބެހޭ އިދާރާތަކަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
