ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަކީ 11,191.95

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފިއެވެ.

Ads by STELCO

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.

ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ މިމަހުގެ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18:81 ގެ ރޭޓުން 595 ގްރާމަށްވާ 11,191.95ރ ކަމަށެވެ. މީގެކުރިން މިދިޔަ އޭޕްރީލް މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 9264.15 ރުފިޔާގައެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.

މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 18.81 ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1،652.10 ރުފިޔާއަށެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.

Ads by HDC