ޚަބަރު

މާލެ ސަރަހައްދުގެ ބިން ހިއްކުން ހަލުވިކުރަން އިތުރު ޑްރެޖަރުތައް ގެންނަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ާމާލެ ސަރަހައްދުގެ ބިން ހިއްކުން ހަލުވިކުރަން އިތުރު ޑްރެޖަރުތައް ގެންނަން ނިންމައިފި އެވެ.

Ads by STELCO

އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެ ފޭސް ތިނެއް، ގުޅީފަޅު, ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ހިމެނޭ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ހަލުވިކުރުމަށްޓަކައި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި އިތުރު ތިން ޑްރެޖަރު ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11000 ޓަނުގެ ހޮޕާ ޑްރެޖަރެކެވެ.

ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ވީހާވެސް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުންތައްް ދެނެގަނެ ކަމާ ބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި ސަރުކާރުން ދަނީ ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފުށިދިއްގަރު ފަޅުވެސް ހިއްކަމުން ނެވެ.

ރަސްމާލޭގެ 129.6 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާއިރު، 265 ހެކްޓަރުގެ ބިން ހިއްކުމަށް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާއެކު ވަނީ ސޮއި ވެސް ކޮށްފަ އެވެ.