ޚަބަރު

މާލެއާއި ހުޅުމާލެއިން މާދަމާ ހެނދުނު ކަރަންޓު ކަނޑާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސްޓެލްކޯ އިމާރާތް - ފޮޓޯ: ދެން

މާލެއާއި ހުޅުމާލެއިން މާދަމާ ހެނދުނު ކަރަންޓު ކަނޑާލަން ސްޓެލްކޯއިން ނިންމައިފި އެވެ.

Ads by STELCO

ސްޓެލްކޯއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ސްޓެލްކޯއިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް، މާދަމާ ހެނދުނު 06:00 ން 10:00 ށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންވެ އެ މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެގޮތަށް ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގަމުންދާނެ ކަމަށް ވެސް ސްޓެލްްކޯއިން ބުންޏެވެ.

އެހެންނަމަވެސް، ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އަދި އެހެނިހެން މުހިންމު ހިދުމަތްތައް ދޭ މުއައްސަސާތަކަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން އިތުރަށް ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އެ މަސައްކަތް ތާވަލުކުރެވިފައިވާ ގަޑިގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ހިދުމަތް ގެނައުމެވެ.

"މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އިހުލާސްތެރިކަމާއެކު މާފަށް އެދެމެވެ." ސްޓެލްކޯއިން ބުންޏެވެ.

މާދަމާ ކަރަންޓު ކަނޑާލަން ނިންމިއިރު މި ފަހުން އައިސް ދޭތެރެ ދޭތެރެއިން ދަނީ ކަރަންޓު ކެނޑެމުން ނެވެ.

Ads by HDC