ގޭންގުތައް ހުއްޓުވާ ބިލަށް ހޭލުންތެރިކުރުވުމަށް ހިންގާ އޮންލައިން ފޯރަމް މިރޭ

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ފޯރަމް މިރޭ އޮންނާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ގޭންގުތައް ހުއްޓުވުމުގެ ބިލާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މިރޭ 9:00 ޖަހާއިރު އޮންނަ މި ސެޝަން ކުރިއަށްދާނީ އެކްސްގެ އޮންލައިން ފޯރަމްތައް ކުރިއަށްގެންދާ ޓޫލްކަމުގައިވާ އެކްސް ސްޕޭސްގައިކަމަށް ޕީޖީ ވިދާޅުވިއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މިއަދުން ފެށިގެން މިވަނީ ޢަމަލުކުރަން ފަށާފައެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.
އަލަށް އެކުލަވާލި މި ޤާނޫނުގައިވާ ގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާ 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މި ޤާނޫނުގައިވާގޮތުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕަކާ ގުޅިފައިވާ މީހަކު ނުވަތަ ހޯދާފައިވާ މުއްސަނދިކަމަކީ ހުއްދަގޮތުގައި ހޯދާފައިވާ މުއްސަނދިކަމެއްކަން ސާބިތުކޮށްނުދެވޭ މީހެއްގެ މުއްސަނދިކަމަކީ ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅުއްވޭނެއެވެ. އަދި ކޯޓުން އެގޮތަށް ނިންމާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތަކާއި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ހަތިޔާރު ގެންގުޅުމާއި، އެފަދަ ހަތިޔާރު އުފެއްދުމާއި، ރާއްޖެ އެތެރެކުރުން ފަދަ ކުށްތައް ކުރާ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރަކާނުލައި އެމީހަކު ހުއްޓުވައި ފާސްކުރުމާއި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް މި ޤާނޫނުން ލިބިދެއެވެ. އަދި އޭގެ އިތުރުންވެސް ތަންފީޒީ އިދާރާތަކަށް މިފަދަ ކުށްތައް ހުއްޓުވުމަށް ގިނަ ބާރުތަކެއް މި ޤާނޫނުގެ ދަށުން ލިބިގެންދާނެއެވެ.
މި ޤާނޫނަށް ހޭލުންތެރިކުރުމަށް ޓަކައި މި މަހު 20 ވަނަ ދުވަހު މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެންވެސް ވަނީ ޚާއްސަ ހަރަކާތެއް ފަށާފައެވެ. މި ހަރަކާތުގެ ތެރެއިން ޤާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި، މަޢުލޫމާތު ހިއްސާކުރެއެވެ. އަދި ވިޔަފާވެރިންނާއި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް އެނގެންޖެހޭ މުހިންމު މައުލޫމާތު ހިމެނޭ ސްޓިކާ ފިހާރަތަކުގައި ފުލުހުން ދަނީ ތަތްކުރަމުންނެވެ.
