ނޮޅިވަރަމްގެ ދަނޑުބިންތަކުން ފީ ނެގުން ހުއްޓާލަން ރައީސް އެދިވަޑައިގެންފި

ހދ. ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑު ބިންތަކުން ފީ ނެގުން ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ނޮޅިވަރަމްއަށް މިއަދު ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ނޮޅިވަރަމްއަކީ ދަނޑުވެރިކަމުގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ރަށެއް ކަމަށެވެ.
އަދި ނޮޅިވަރަމްގެ ވަކިވަކި އާއިލާތަކަށް އެންމެ ބޮޑަށް ނަފާ ލިބޭ އެއް ކަމަކީ ވެސް ދަނޑުވެރިކަންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި ދަނޑުވެރިކަމާ ބެހޭ މަރުކަޒެއް ނޮޅިވަރަމްގައި ގާއިމުކުރަން މިއަދު ސޮއިކުރި އެއްބަސްވުމަށް އިޝާރާތްކުރައްވައި ރައީސް ވަނީ އެ ރަށުގެ ދަނޑުބިންތަކުން ފީ ނެގުން ހުއްޓާލަންވެސް އެދިވަޑައިގެންފަ އެވެ.
"މި ރަށުގެ ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނަގާ ގޮތަށް ބަދަލުކޮށްދޭށޭ. އޭރުން ދަނޑުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ"
އެއާއެކު ދަނޑުވެރިން ކުރިއަރައިގެންދާ ދިއުން މާ ބޮޑުވާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އަދި އެކަމަށްޓަކައި ސަރުކާރުގެ އިދާރާއަކުން ހުއްދައެއް ބޭނުންވާނަމަ އެ ހުއްދަ އެމަނިކުފާނު ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
އެހެން ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ނޮޅިވަރަމް ކައުންްސިލްއާއި އެ ރަށުގެ ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ،.
"އަޅުގަނޑަށް ފެންނަ ގޮތުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި އެންމެ ފުރިހަމަ ގޮތަކަށް ވާނީ އެކަން ކުރުން. އެހެންވީމާ [އެކަމަށް] އަޅުގަނޑު އުއްމީދުކުރާ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވި އެވެ.
