ޚަބަރު

ރަސް މާލެ ހިއްކާ ސަރަހައްދުގައި ޑައިވް ނުކުރަން އަންގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރަސްމާލޭގެ ބިން ހިއްކުން ކުރިޔަށްދަނީ.. ދެން އިމޭޖްސް

ރަސް މާލެ ހިއްކާ ސަރަހައްދުގައި ޑައިވް ނުކުރަން އަންގައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސް މާލެ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި އަދި ބޮރޯ އޭރިއާއާއި ބިން ހިއްކާ ސައިޓުތަކާ ދޭތެރޭ ކޮންޓްރެކްޓަރުގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުން ރައްކާތެރި ނޫން ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި އެ ސަަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް ރައްކާރިކަމަށް ސަމާލުކަންދީގެން ދަތުރުތައް ކުރުމަށް ވެސް އެޗްޑީސީން އިލްތިމާސްކުރި އެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ" ތަރައްގީ ކުރަނީ މާލެ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެން ނެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަސްމާލޭގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރި އިރު ސަރުކާރުން އޭރު ބުނީ 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

ސްރީ ލަންކާގެ ސީއެމްސީއާ އެ މަސައްކަތް އޭރު ހަވާލުކުރި ނަމަވެސް އެ ކުންފުންޏަށް ހިއްކުނީ މަދު ސަރަހައްދެކެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ 265 ހެކްޓަރުގެ ބިން ހިއްކުމަށް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާއެކު ވަނީ ސޮއި ވެސް ކޮށްފަ އެވެ.

އެއާއެކު މިހާތަނަށް ހިއްކާފައިވަނީ 129.6 ހެކްޓަރުގެ ބިމެވެ.