މީޑިއާއާ ގުޅޭ ބިލު އިސްލާހު ކުރެވިދާނެ، އަނބުރާ ގެންދަން ޖެހޭކަމަށް ނުދެކެން: އުޝާމް

މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަންއެއް ހަދައި މީޑީއާ ރެގިއުލޭޓްކުރުން އިތުރަށް ވަރުގަދަކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލު އިސްލާހު ކުރެވިދާނެ ކަމަށާއި ނަމަވެސް ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.
ނަމަވެސް މި ވަގުތު ކޮމިޓީ މަރުހަލާގައި އޮތް އެ ބިލަކީ މީޑިއާގައި ތަޅު އެޅުވުމަށް ހުށަހެޅި ބިލެއް ކަމަށް އިދިކޮޅާއި ބައެއް މީޑިއާތަކުން ވެސް ބުނަމުންދާ އިރު ބިލު އަނބުރާ ގެނައުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ނަމަވެސް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މިހާރު ހުށަހަޅާފައި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން ބިލު އަނބުރާ ނަގަންޖެހޭނެ ކަމަކަށް،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ނިމިގެން ދިޔަ ވެރިކަމުގެ ދުވަސްވަރު 2022 ވަނަ އަހަރު ވެސް މީޑިއާ ކައުންސިލްއިން މީޑިއާއާ ގުޅޭ ބިލެއްގެ ޑްރާފްޓް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހެޅި ކަމަށާއި އަދި އެ ބިލުގެ ޑްރާފްޓާއި މަޖިލީހުގައި މިހާރު އޮތް ބިލާއި މާބޮޑު ތަފާތެއް ނެތް ކަމަށެވެ.
އެގޮތުން ކުރިން މީޑީއާ ކައުންސިލްއިން ހުށަހެޅި ބިލުގެ ޑްރާފްޓްގައި ވެސް ހަތް މެމްބަރުންގެ މައްޗަށް ހިމެނޭ މީޑިއާ ކައުންސިލްގެ ދެ މެމްބަރަކަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެމްބަރުންގެ ގޮތުގައި ހަމަޖައްސަން ހިމަނާފައި އޮތް ކަމަށެވެ.
އެހެންވެ މިހާރުގެ ބިލުގައި ވެސް އެ މޭރުމުން އޮތުމުން މައްސަލައަކަށް ވާންވީ ކީއްވެގެންތޯ އުޝާމް ސުވާލު ކުރެއްވި އެވެ.